English Edition
Dhivehi Edition

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ވަގުތީ ލީޑަރޝިޕް އައްޔަންކޮށް ޕާޓީ އިފްތިތާހުކޮށްފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓީގެ ކުލައާއި ޕާޓީގެ ލޯގޯވެސް ވަނީ ފާސްކޮށްފައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ.

ޕީޕަލްސް ނެޝެނަލް ކޮންގްރެސް ޕާޓީގެ މި އިފްތިތާހީ ޖަލްސާގައި ވަނީ އެ ޕާޓީ އުފެއްދުމުގެ ގޮތުން ޕާޓީގެ ވަގުތީ ލީޑަރޝިޕް އައްޔަން ކުރުމަށް ޖަލްސާގައި ހާޒިރުވެތިބި 357 މަންދޫބުން ލައްވާ ވޯޓަށް އަހާފައެވެ. މި ވޯޓުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް ކަމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ ނަމެވެ. އޭގެ އިތުރުން ނައިބު ރައީސް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ނަން ހުށައެޅުއްވިއެވެ.

މި ހުރިހާ ބޭފުޅުންގެ ނަންވެސް ވަނީ ޖަލްސާގައި ބައިވެރިވި 357 މަންދޫބުންގެ އިއްތިފާގުން ފާސްވެފައެވެ. މިރޭގެ ރަސްމީޔާތުގައި ޕާޓީގެ ހިންގާ ކޮމިޓީއަށް 40 މެންބަރުން ވެސް ވަނީ އައްޔަންކޮށްފައެވެ. މި ހަނދާނީ ޖަލްސާގައި ވަނީ ޕީޕަލްސް ނެޝެނަލް ކޮންގްރަސް ޕާޓީގެ ނަމާއި ކުލަ, އަދި ލޯގޯގެ އިތުރުން ޕާޓީގެ މެނިފެސްޓޯ އާއި އަސާސީ ގަވައިދު ވެސް ފާސްކޮށްފައެވެ.