English Edition
Dhivehi Edition

ސްކޫލުތައް ހުޅުވި ދެ ހަފްތާ ފާއިތުވެގެން ދިޔަ އިރުވެސް ގިނަ ސްކޫލުތަކެއްގެ ދަރިވަރުންނަށް ޓެކްސް ފޮތްތައް ހަމައަށް ލިބިފައިނުވާ ކަމުގެ ޝަކުވާތައް ބެލެނެވެރިން ކުރަން ފަށައިފިއެވެ

މި ގޮތުން ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ޓްރެވަލް އެންޑް ޓުއަރިޒަމްގެ ފޮތްތަކާއި ގުރުޢާނާއި ކެމިސްޓްރީ އަދި ފިޒިކްސްގެ ވެސް ބައެއް ފޮތްތައް ނުލިބޭ ކަމަށް ބެލެނެވެރިންދަނީ ބުނަމުންނެވެ.’އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބެލެނެވެރިއަކު ބުނެފައިވަނީ ސްކޫލް ހުޅުވުނު އިރުވެސް ކީސްޓޭޖް ތިނެއްގެ ބައެއް ދަރިވަރުންނަށް ފޮތް ލިބިފައި ނުވާކަމަށާއި އަދިވެސް ކީސްޓޭޖް އެކެއްގެ ބައެއް ގްރޭޑްތަކަށް ޤުރުއާން ފޮތްވެސް ލިބިފައި ނުވާކަމަށެވެ. “މިހާރު ދެ ހަފްތާ މިވަނީ ފޮތް ނުލިބި. ދެން ކިހިނެތްތޯ ކުދިން އަހަރު ނިމޭއިރު މުޅި ފޮތުގަ ހުރި ހުރިހާ ފިލާވަޅެއް ކަވަރުކުރާނީ.”ބެލެނެވެރިއަކު ބުންޏެވެ

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ޖެނުއަރީމަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅު ވެފައިވަނީ ދިރާސީ އާ އަހަރަށް އެ މިނިސްޓްރީން އޮތީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައި ކަމަށާއި ހުރިހާ ސްކޫލަކަށް ބޭނުންވާ ޓީޗަރުންވެސް ހަމަވެފައިވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އާ އަހަރަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް ފޮތްތަކުގެ އިތުރުން ބައެއް ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ނުލިބުމުގެ މައްސަލަ އާއި ބައެއް ސްކޫލްތަކުގައި ޓީޗަރުންހަމަނުވާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ