English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިނގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާ ބުނާ ގޮތުން ކައުންސިލް ތަކުން އެކުލަވާލާފައިވާ ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތް ކޮންމެ 2 މަހަކުން އެއްމަހު އަތޮޅު ކައުންސިލް މެދުވެރިކޮށް ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ޙިއްސާކުރަން ޖެހެއެވެ. ލޯކަލް ގަވަންޓު އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން ރ.އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ތެރެއިން މިދިޔަ އަހަރު ނޮވެންބަރ އަދި ޑިސެންބަރުގެ މި މަޢުލޫމާތު ޙިއްސާކުރީ ރަސްގެތީމު ކައުންސިލުން އެކަންޏެވެ.

ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ނޫސް ބަޔާނުގައި ވާ ގޮތުން ވޭތުވެދިޔަ 2 މަހު މި މަޢުލޫމާތު އެ އޮތޯރިޓީއާ ޙިއްސާކޮށްފައި ވަނީ 27 ރަށު ކައުންސިލަކުންނެވެ. އެއީ ހއ. މޮޅަދޫ، ހއ. ކެލާ، ހއ. ތަކަންދޫ، ހދ. މަކުނުދޫ ، ށ. މާއުނގޫދޫ، ށ. ގޮއިދޫ، ނ. މަގޫދޫ، ނ. މަނަދޫ، ރ. ރަސްގެތީމް، ބ. ކުޑަރިކިލި، ބ. ކިހާދޫ، ބ. ފެހެންދޫ، އއ. އުކުޅަސް، އއ. ފެރިދޫ، ވ. ފުލިދޫ، ވ. ތިނަދޫ، ވ. ކެޔޮދޫ، ވ. ރަކީދޫ، ދ. މަގޫދޫ، ދ. ރިނބިދޫ، ތ. ވިލުފުށި، ގއ. ނިލަންދޫ، ގއ. ދެއްވަދޫ، ގއ. ކޮނޑޭ، ގއ. ގެމަނަފުށި، ގދ. ރަތަފަންދޫ އަދި ގދ.ވާދޫ ކައުންސިލެވެ. މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ތެރެއިން މި މަޢުލޫމާތު ޙިއްސާކޮށްފައ ވަނީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ.

މީގެ އިތުރުން ލޯކަލް ގަވަމެންޓު އޮތޯރިޓީން ނެރުނު އިތުރު ނޫސްބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫންގެ 109 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިން ވޭތުވެ ދިޔަ އަހަރު ކައުންސިލް ތަކުން ހިނގި ހަރަކާތްތަކުގެ ތަފްޞީލީ ރިޕޯޓު ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް އަދި ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން އަތޮޅު ކައުންސިލްތަކުން ލޯކަލް ގަވަމަންޓު އޮތޯރިޓީއަށް ހުށައެޅި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޢުލޫމާތު އާންމުކޮށްފައެވެ.

މި ރިޕޯޓު 17 އަތޮޅު ކައުންސިލަކުންނާއި 123 ރަށު ކައުންސިލަކުން ވަނީ ޤާނޫގައި ބުނެފައިވާ ތާރީހުގެ ކުރިން ހުށައަޅަން ޖެހޭ އިދާރާތަކަށް ހުށައަޅާފައެވެ. އޭގެ ތެރެއިން ރ.އަތޮޅު ކައުންސިލުންނާއި ރ.އަތޮޅުގެ 9 ރަށު ކައުންސިލަކުން ވަނީ މި ރިޕޯޓު ޤަވާއިދާ އެއްގޮތަށް ހުށައަޅާފައެވެ. ރ.އަތޮޅުން މި ރިޕޯޓު ހުށައަޅާފައި ވަނީ އަލިފުށި، ވާދޫ، ރަސްގެތީމް، އަނގޮޅިތީމް، ހުޅުދުއްފާރު، އުނގޫފާރު، ދުވާފަރު، ފައިނު އަދި ކިނޮޅަސް މި ރަށްރަށުގެ ކައުންސިލްތަކުންނެވެ.