English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީއަށް ފާޑުކިޔުމުގެ ކުރިން ކޯލިޝަން ދެމެހެއްޓުމަށްޓަކައި އެޕާޓީން ވީ ގުރުބާނީ ބަލައި އެކަން ތަސައްވަރު ކުރަނެ ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ކޯލިޝަން އުފެދިގެން އައިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއް ގެނައުމަށްޓަކައި އަދި ކޯލިޝަން ދެމެހެއްޓުމަށްޓަކައި ޕާޓީގެ ފަރާތުން ދޫކޮށްލަންޖެހޭ ކޮންމެ އެއްޗެއްވެސް ދޫކޮށްލައި، އެވަރުގެ ގުރުބާނީއެއްވެސް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ކަމަށެވެ.

ސައުދު ވިދާޅުވީ ކޯލިޝަން ދަމަހައްޓައި ލީޑަރުންނާއި ޕާޓީގެ މެމްބަރުންގެ މެދުގައި ކޯޅުން އުފެދުނަ ނުދިނުމަށްޓަކައި ޖުމްހޫރީ ޕާޓީން ވާނީ އެޕާޓީއަށް ކޯލިޝަނުން ލިބުނު ޕަސަންޓޭޖްވެސް ދޫކޮށްލާފައި ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ކޯލިޝަން އުފެއްދުމަށް މަޝްވަރާތައް ކުރެއްވުމަށްފަހު ޕާޓީގެ ކައުންސިލަށް އެންގިއިރު އެމްޑީޕިއަށް އޮތީ 40 އިންސައްތަ ކަމަށާއި ޖުމްހޫރީ ޕާޓީއަށް 30 އަދި އަދާލަތު ޕާޓީއާއި މައުމޫން ރިފޯމް މޫވްމަންޓް އެއްކޮށް ޖުމްލަ 30 ޕަސަންޓު ކަމަށް ސައުދު ވިދާޅުވިއެވެ.

އެހެންނަމަވެސް ވަކި ޕާޓީއަކުން އެޕާޓީއަށް ލިބިފައިވާ އިންސައްތަ އިތުރު ކުރުމަށް އެދެމުންދާތީ ގައުމާއި ރައްޔިތުންނަށް ވިސްނައި ރައްޔިތުންގެ ހައްގުގައި ކޯލިޝަނުގައި
ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ އިންސައްތަ ދޫކޮށްލައި 30 އިންސައްތައިން 25 އިންސައްތައަށް ވެއްޓުނީ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ޕާޓީން މިވަރުގެ ގުރުބާނީތައްވެ ރައްޔިތުންގެ ހައްގުގައި ކޯލިޝަން ދެމެހެއްޓުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާއިރުވެސް ރައްޔިތުންގެ ތެރެއިން ވަކި ބައެއްގެ ކުރިމަތީގައި ގާސިމް އިބްރާހިމްއަކީ އަމިއްލަ އެދުންބޮޑު ބޭފުޅަކަށްވެ އެގޮތުގައި ފާޑުކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ވާހަތައް ދެކެވެމުންދާނަމަ ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައިވެސް ހުރިހާ ގުރުބާނީއެއްވާ ޕާޓީއަކަށް ވެގެންދާނީ ޖުމްހޫރީ ޕާޓީ އެކަނި ކަމުގައި ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ކޯލިޝަން އުފެދިގެން އައިއިރު ހަތަރު ޕާޓީގެ މެދުގައި އެއްބަސްވުމެއް ވެވުނު ކަމަށާއި، އޭގެތެރެއިން އެއްޕާޓީން އެއްބަސްވުމެއް އޮތްކަމަށް އިންކާރު ކުރި ކަމުގައި ވިޔަސް އެ އެއްބަސްވުން އުވިގެން ނުދާނެ ކަމަށެވެ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައިވެސް ޖުމްހޫރީ ޕާޓީން އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް އެއްބަސްވުމަށް ރިއާޔަތް ކުރާނެ ކަމަށާއި ހަތަރު ލީޑަރުންގެ މަޝްވަރާއާއެކު ނިންމުމަކާއި ހަމައަށް އާދެވޭތޯ ބަލާނެ ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.