ކައިވެނި ކުރުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ކަމެކެވެ. އަދި މީލާދީ ގޮތުން 18 އަހަރު ފުރުމާއި އެކު ކައިވެނި ކުރާމީހުން ވަރަށް ގިނަ އެވެ. އެހެންނަމަވެސް ސައުތު ކޮރެއާގެ މީހުން މިއާއި މުޅިން ހިލާފެވެ. އެޤައުމުގައި ކައިވެނި ކުރާ ނިސްބަތް އޮތީ ވަރަށް ދަށުގައެވެ.
2012 ވަނަ އަހަރު ކޮރެއަން އިންސްޓިޓިއުޓް އޮފް ހެލްތް އެންޑް ސޯޝަލް އެފެއާސް އިން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި 20 އަހަރާއި 44 އަހަރާއި ދެމެދު މީހުން ގެ %40 އުޅެނީ ކައިވެނި ނުކޮށެވެ. އެހެންކަމުން ކައިވެނީގެ އިންސައްތަ ވަނީ ވަރަށް ދައްވެފައެވެ. 2015 އަށް ބަލާއިރު 25 އަހަރާއި 29 އަހަރުގެ މީހުންގެ ތެރެއިން ފިރިހެނުންގެ %90 މީހުން ކައިވެނި ކޮށްފައި ނުވެއެވެ. އަދި އަންހެނުންގެ %77 މީހުންނަކީ ކައިވެނި ނުކޮށް ތިބި މީހުންނެވެ.
ކުދިން ވިހާ ނިސްބަތަށް ބަލާއިރުވެސް ސައުތު ކޮރެއާއަކީ ދުނިޔޭގެ އެންމެ ދަށުގައި އޮތް ޤައުމެވެ. އެގޮތުން އަހަރަކު 0.95 އަކީ އެޤައުމުގެ ނިސްބަތެވެ. މާނައަކީ ކޮންމެ 100 އަންހެނަކަށް އަހަރަކު ވިހަނީ 95 ކުދިން ނެވެ. އެހެންނަމަވެސް 1970 ގެ އަހަރު ތަކަށް ބަލާއިރު ކޮންމެ އަހަރަކު 1 މިލިއަން ކުދިން އެޤައުމުގައި އުފަން ވެފައި ވެއެވެ. 2017 ގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އަހަރަކު އުފަންވަނީ 357700 ކުދިންނެވެ.
ކައިވެނި ކުރުމާއި ދަރިން ހޯދުމަކީ ބޭކާރު ޚަރަދުތަކެއް ކަމަށް އެޤައުމުގެ ގިނަ މީހުން ދެކެއެވެ. މިހެން އެމީހުން ދެކެން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއް ވެސް ވެއެވެ. ޤައުމުގެ ވަޒީފާގެ ބާޒާރަށް ބަލާއިރު ވަޒީފާ ނުލިބި ތިބި މީހުންގެ އަދަދު ގިނައެވެ. އަދި ސާރވޭތަކުން ދައްކާ ގޮތުގައި ކައިވެންޏަކަށް މަދުވެގެން 90000 ޑޮލަރު ހޭދަ ކުރަން ޖެހެއެވެ. އެހެނީ އެޤައުމުގެ އޮންނަ ސަޤާފަތަކީ ވަރަށް އާދަޔާ ޚިލާފް އެއްޗެކެވެ. މިސާލަކަށް ބަލާއިރު މުއްސަނދި އަދި ކިޔަވައިގެން ހުރި ފިރިހެން ކުއްޖެއް ކައިވެނި ކުރަނީނަމަ އަންހެން ކުއްޖާގެ އާއިލާއިން ގިނަ އަދަދަކަށް ފައިސާ ފިރިހެން ކުއްޖާގެ އާއިލާ އަށް ދޭން ޖެހެއެވެ. ސަބަބަކީ އެއާއިލާއިން ގެއްލިގެން ދަނީ ވަރަށް ބޮޑު ރައުސުލް މާލެއްކަމަށް ދެކޭތީ އެވެ.
ކިޔެވުމާއި މަސައްކަތް ކުރުމަކީ ކައިވެންޏަކަށްވުރެ މުހިއްމު ކަމެއްކަމަށް އެޤައުމުގެ މީހުން ދެކެއެވެ. އެހެންކަމުން އެކަނި ހުރުމަކީ ވެސް ސަޤާފީ ކަމަކަށް ވެފައި ވެއެވެ. 2017 ގެ ސާރވޭ އަކުން ދައްކާގޮތުގައި އެވްރެޖްކޮށް ކޮރެއާ މީހަކު އަހަރަކު 250 ގަޑިއިރަށް ނުވަތަ އެއަށްވުރެ ގިނަ އިރު މަސައްކަތުގައި ހޭދަ ކުރެއެވެ.
ކޮރެއާގެ ސަރުކާރުން އެޤައުމުގެ އުވަންވާ ކުދިންގެ ނިސްބަތާއި ކައިވެނި ކުރާ ނިސްބަތް މަތި ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް ޒުވާނުންގެ މެދުގައި އޮތް ޤަބޫލު ކުރުންތަކާއި، އާދަކާތައިގެ ސަބަބުން ގިނަ ޒުވާނުން އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އަދި ގިނަ ޒުވާނުން ދެކޭ ގޮތުގައި އެއީ އެމީހުންގެ ހަޔާތުގައި ކުރާ ބޭކާރު ޚަރަދެކެވެ.
ފަހަކަށް އައިސް އެޤައުމުގެ ޒުވާން އަންހެން ކުދިން ބުނާ ގޮތުގައި އެމީހުން އެއްގޮތަކަށްވެސް ކައިވެނި ކުރާކަށް ބޭނުމެއް ނުވެއެވެ. އަދި ދަރިން ހޯދާކަށް ވެސް ބޭނުމެއް ނުވެއެވެ. ސަބަބަކީ ގިނަފަހަރަށް އަންހެންކުއްޖަކު ކައިވެނިކޮށް ދަރިން ލިބުމުން ވަޒީފާ ގެއްލޭތީ އެވެ.
ސައުތު ކޮރެއާ އަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާކިޔާއިރު ވަރަށް ތަފާތު ބައެކެވެ. އެމީހުން ދެކޭގޮތުގައި ކައިވެނި ކުރުމަކީ މުހިއްމު ކަމެއް ނޫނެވެ.