English Edition
Dhivehi Edition

މިހާރު ހިތަދޫގައި ކުރިއަށްދާ ޕެބުލްސް އިން ވެޓްރަންސް ކަޕް ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް މޫސުމް ތަން ނުދިނުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

ކޮންމެ ރެއަކުވެސް 20:30 ގައި މިމުބާރާތުގެ މެޗްތައް މަނިކު ބޯޅަ ދަނޑުގައި ފަށާގޮތަށް ހަމަޖެހިފައި ވެއެވެ. އެގޮތުން މިރޭވެސް މެޗްތައް ތާވަލް ކުރެވިފައި ވީނަމަވެސް މިއަދު މެންދުރުން ފެށިގެން ހިތަދޫ އަށް ބޯކޮށް ވާރޭ ވެހި ރަށުގައި ފެންހެދިފައިވާތީ މެޗްތައް މިވަނީ ކެންސަލް ކޮށްފައެވެ. ރޭގައި ވެސް މުބާރާތުގެ މެޗްތައް ކުޅެފައި ނުވެއެވެ.

މިރޭގެ މެޗްތައް ކެންސަލް ކުރިނަމަވެސް މުބާރާތް ކުރިއަށް ގެންދާނެކަމަށް އޮފިޝަލުން މަޢުލޫމާތު ދީފައި ވެއެވެ. މިމުބާރާތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު ހުރިހާ ޓީމެއްވެސް ފުރަތަމަ މެޗް ކުޅެފައިވާއިރު ބައެއްޓީމްތައް 2 މެޗް ކުޅެފައި ވެއެވެ. ފޯރިއާއި އެކު ކުރިއަށްދާ މިމުބާރާތަކީ 37 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މޫސުމް ތަންދިނުމާއި އެކު މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައި ވެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ޕެބުލްސް އިން އެވެ. އަދި މީޑިޔާ ޕާރޓްނަރ އަކީ އޭއޯ ނިއުސް އެވެ.