English Edition
Dhivehi Edition

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބަށް މެމްބަރުން ހޮވުމަށް އެމްޑީޕީއިން ކުރިޔަށް ގެންދިޔަ އެ ޕާޓީގެ ޕްރައިމަރީގައި ގިނަ އަހަރުތަކެއް ވަންދެން އެ ޕާޓީގެ ޓިކެޓްގައި މަޖިލީހުގައި ތިބި ބޭފުޅުން ވަނީ ނާކާމިޔާބު ވެފައެވެ.މިގޮތުން އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރުއެވެ.ނިޒާރުވެސް އެމްޑީޕީ ޕްރައިމެރީގައި ވާދަކުރެއްވިއިރު ވަނީ ނާކާމިޔާބު ވެފައެވެ.

މިހާރުވެސް މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަލީ ނިޒާރަށް ޕްރައިމަރީގައި ލިބުނު ނާކާމިޔާބީ އާއި ގުޅިގެން ވިދާޅުވީ ނާކާމިޔާބީގެ ފަހަތުގައި ކަންބޮޑުވާ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ނާކާމިޔާބަކީ އެމްޑީޕީގެ ޕްރައިމަރީގެ އުސޫލުތައް ކުރިއަށް ގެންދިޔަ ގޮތާއި ޕީޕީއެމުން ކުއްލިއަކަށް އެމްޑީޕީއަށް ބަދަލުވި ގިނަ މެންބަރުންތަކެއް އޭނާ އާއި ދެކޮޅަށް ނިކުތުމުން ކަމަށެވެ.އަދި އެމްޑީޕީގެ ލީޑަޝިޕުން ވަކިވަކި މެންބަރުންނަށް ފާޅުގައި ކެމްޕެއިން ކުރި ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

ޕްރައިމެރީގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އެމްޑީޕީގެ ގިނަ ސަޕޯޓަރުންގެ ހިންހަމަނުޖެހިފައިވާއިރު ސަރުކާރުގެ ކޯލިޝަން ތެރެއިންވެސް އަންނަނީ އެމްޑީޕީއަށްފާޑުކިޔުންތައް އަންނަމުންނެވެ.މިގޮތުން ޖުމްހޫރީ ޕާޓީއިން ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލާފައި ވާތީ ޖޭޕީ އާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާއި ވާހަކަ ދައްކަން ޖޭޕީ ތައްޔާރު ކަމަށެވެ.

“ޖޭޕީއަށް މި ޖެހުނީ މިފަހަރު ވެސް ސަލާން ޖަހަން، މަޖިލީހުގެ ގޮނޑިތައް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެއްޖައީން،” ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.