English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް މަޖިލިސް އިންތިޚާބުގައި ވާދާނުކުރެއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހަޅުއްވުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރައްސާރަ ކުރުމުގެ ގޮތުން ހިންގި އަމަލެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުލްލަތީފު މުޙައްމަދު، ހުށަހެޅި އިސްލާހަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކުރައްވައިގެން ޤާނޫނުއަސާސީއާ ޚިލާފަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހު އަނބުރާ ނެގުމާމެދު ޖުމްހޫރީ ޕާރޓީގެ ލީޑަރޝިޕުން އެކަމުގައި އިސް ދައުރެއް އަދާކޮށް އެކަން ކަށަވަރުކޮށްދިނުމަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ޝަރުތުތަކުގެ އިތުރަށް ޝަރުތުތަކެއް ކަނޑައެޅުމަށް ހުށަހެޅުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހެޅުމަކީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާވެސް ޚިލާފު އަމަލެއް ކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ލަތީފު އެފަދަ ހުށަހެޅުމެއް ހުށަހެޅުއްވުމުން ނިމިދިޔަ ސަރުކާރުގައި މަޖިލީސް މެމްބަރުންނަށް ކުރިމަތިކުރުވި ފިއްތުންތަކުގެ ޝިކާރައަކަށްވެ މިނިވަންވެޑައިގަތުމަށްފަހު އިތުރު ބައެއްގެ ސިޔާސީ ހައްގަކަށް އަރައިގަތުމަކީ މައްސަލައެއް ނޫން ކަމަށް ދެކެވަދައިގަންނަވާކަން ދޭހަވާ ކަމަށް ބުނެ އެއީ ވަރަށް ފިނޑި އަމަލެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ. 

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ އިސްލާހު އަނބުރާ ނަންގަވާފައި ނުވާތީ އެޕާޓީން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެމްޑީޕީން ވަނީ އިސްލާހު އަނބުރާ ނެންގެވުމަށް ލަތީފަށް ގޮވާލާފައެވެ. ލަތީފަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރަކަށް ވުމުން ޕާޓީގެ ފަރާތުންވެސް ޒިންމާދާރުކަންމަތީ އެކަން ބަލައި އިސްލާހު އަނބުރާ ނަންގަވާކަން ކަށަވަރުކޮށްދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފައެވެ.