English Edition
Dhivehi Edition
ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ވަން އޮންލައިން

ޖުމްހޫރީ ޕާޓީގެ އަބަދުވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް އަމާން މުޖުތަމައެއް ބިނާކޮށްދީ ފާގަތި މުސްތަގުބަލެއް ހޯދައިދިނުން ކަމަށާއި އަދި ދިވެހި ގައުމަކީ އިންސާފުވެރި ގައުމަކަށް ހެދުން ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަބަދުވެސް އަމަލުތައް ބަހައްޓާނީ ދިވެހިރާއްޖެއަކީ އިސްލާމީ ގައުމެއްކަން ދަނެގެން އެކަން ދެމެހެއްޓޭނެ ފަދަ އުސޫލަކުން ކަމަށެވެ. އަދި ދުނިޔެމަތީގައި ދެ ޖިންސުން އިންސާނުން ލައްވައި ކުރުން ހަރާމް ކުރައްވާފައިވާ އެއްވެސް ކަމަކަށް މަގުފަހިވާނެ ފަދަ ވާހަކައެއް ޖުމްހޫރީ ޕާޓީން ނުދައްކާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ އެއްވެސް އަމަލަކަށް އަރައިގަތުމަށް ހިތްވަރު ނުދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ގިނަ ބޭފުޅުންތަކެއް އެބަތިއްބެވި ކަމަށާއި ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ވަކި ބޭފުޅަކަށް ވޯޓުދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފިނަމަ އެކަން ވާނީ ވަރަށް ބޭއިންސާފުން ކުރެވޭ ކަމަކަށް ކަމަށެވެ. 

ގާސިމް ވިދާޅުވީ ބައެއް އެހެން ޕާޓީތަކުން އެކަން އެގޮތަށް ކުރާތަން ފެނިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް އެއީ ޑިމޮކްރަސީގެ ނަމުގައި ޑިކްޓޭޓާޝިޕް ހިންގުން ކަމަށެވެ. އަދި ޑިމޮކްރަސީގެ ހިމާޔަތުގައި ކަމަށްބުނެ މިފަދަ ވާހަތައް ދެއްކުމުން އެވާހަތައް ދެކޮޅު ނުޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.