English Edition
Dhivehi Edition

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަހައްދެއް (ރަށެެއް) ގައި ހުރެގެން ޕާސްޕޯޓަށް އެދި ހުށަހެޅޭ ގޮތް ހަދާނެ ކަމަށެވެ. ޕާސްޕޯޓާ ގުޅޭ ހިދުމަަތްތައް ހޯދުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ބޮޑެތި ކަންބޮޑުވުން ހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަށް ރާވާ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މަހުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެން ވެސް ޕާސްޕޯޓު ހެއްދުމަށް ހުށަހެޅޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ހަނަފީ ވިދާޅުވި އިމިގްރޭޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

“އެންމެ ބޮޑު ޝަކުވާއަކަށް އާންމުންގެ ތެރޭގައި އަންނަނީ ޕާސްޕޯޓް ހެއްދުމުގައި ދިމާވާ ތަކުލީފުތައް، އަޅުގަނޑުމެންނަށް އަންޑަސްޓޭންޑްވޭ، މިހާރު އަސްލު އަޅުގަނޑުމެން އެބަ ޖެހޭ އިމިގްރޭޝަންގެ އުންމީދުތައް ރައްޔިތުންގެ އުންމީދުތަކާ ހަމަޔަށް ގެންދަން،” ހަނަފީ ވިދާޅުވި އެވެ.

އީމެއިލް މެދުވެރިކޮށް ހުށަހެޅޭ ގޮތް ހެދި ނަމަވެސް ފަހުން މުޅި ހިދުމަތް އޮންލައިން ކުރަން މަސައްކަތް ކުރާ ކަމަށް ހަނަފީ ވިދާޅުވި އެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެން ވެސް އޮންލައިންކޮށް ޕާސްޕޯޓު ހައްދަން ހުށަހެޅޭ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. “މާނައަކީ ގއ ރަށެއްގައި ހުރެގެން ވެސް ޕާސްޕޯޓަށް އެޕްލައި ކުރެވިދާނޭ، އެއަށް ފަހު އަޅުގަނޑުމެންގެ ސެންޓާ ކުޅުދުއްފުށި އަދި އައްޑޫއަށް ގޮސް ޕާސްޕޯޓު ބަލައިގަތުމާއި އެ ފަރާތްތަކަށް ފަސޭހަވާ ތަނަކުން ލިބިދޭނެ،” ހަނަފީ ވިދާޅުވި އެވެ. އަދި މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ އެހެން ރަށްތަކުގައި ގާއިމްކޮށްފައިވާ އިމިގްރޭޝަންގެ ސެންޓަރުތަކުން ވެސް ޕާސްޕޯޓު ބަލައިގަތުމުގެ ހިދުމަތް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.