English Edition
Dhivehi Edition

ލޯތްބަކީ ކޮންމެ މީހަކުވެސް ބޭނުން ވާނޭ އެއްޗެކެވެ. އަދި ހަޤީޤީ ލޯބިވާ މީހަކު ހުރުމަކީ ކިހާ ވަރުގެ ނަސީބެއްކަން ވެސް އެނގޭނީ އެފުރުސަތު ލިބުމުންނެވެ. ތިބާގެ ބައިވެރިޔާއަކީ ހަޤީގަތުގައި ވެސް ތިބާ ދެކެ ލޯބިވާ މީހަކުތޯ ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ބަލާއިރު އެކަން ދެނެގަނެވޭނެ ވަރަށް ގިނަ ގޮތްތަކެއް އެބަހުއްޓެވެ.

ގިނަ ދުވަސްތަކެއްގެ މަސައްކަތުން ހަޔާތުގެ ބައިވެރިޔަކު ލިބުމަށްފަހުވެސް އިތުރު މީހުންގެ އަވައިގައި ޖެހުން ނުވަތަ އިތުރު ލޯބިވެރިން ހޯދުމަކީ ހަޤީގީ ލޯބިވުމެކޭ ދެންނެވޭކަަށް ނެތެެވެ. ލޯބިވާ މީހަކާއި ޖެހުމުން އިތުރު ދިމަދިމާލުން އެހެން ލޯބި ހޯދާކަށް މަސައްކަތެއް ނުކުރާނެއެވެ. އެގޮތަށް އެހެން ދިމަދިމާލަށް ބެލުމުގެ މާނައަކީ ބައިވެރިޔާގެ ފަރާތުން ލޯބި ލިބުމުގައި އުނިކަމެއް ހުރުން ނުވަތަ ތިބާ އަށް ބައިވެރިއާ ދެކެ ހަޤީގަތުގައި ލޯބި ނުވެވެނީ އެވެ.

މިދަފަ ކަންކަން މަދުކުރުމަށްޓަކައި އެކަކު އަނެކަކުގެ އިޙްސާސްތައް ހިއްސާކުރުމަކީ ހައްލެކެވެ. އަދި ހިއްސާކުރާ ކަންތައްތަކަކީ ތިބާގެ އަމިއްލަ ކަންތައްތަކެއް ކަމަށް ދެކިގަތުމީ ހަޤީގީ ލޯބިވުމަށް އޮތް ފުރުސަތެކެވެ. ހަމަ އެއާއި އެކު އެކަކު އަނެކަކަށް ލިބޭ ކާމިޔާބީތަކާއި އުފަލުގައި ހިއްސާވުމާއި، ހަސަދަވެރިކަން ނުބޭއްވުމަކީ ގުޅުން ވަރުގަދަވެގެން ދާނެ ކަމެކެވެ. އަދި ބައިވެރިޔާގެ ފަރާތުން މި ސިފަ ފެންނަމަ އެއީ ލޯބީގެ އަލާމާތްތަކެކެވެ.

ކަމެއް ކުރުމުގެ ކުރިން ނުވަތަ ފިޔަވަޅެއް އެޅުމުގެ ކުރިން އަނެކާގެ ވިސްނުމުން ވިސްނާކަން އެނގުމަކީވެސް އެމީހަކު ތިބާ ދެކެ ލޯބިވާ ކަމުގެ ހެއްކެކެވެ. ހަޤީގީ ލޯބިވާ މީހަކު އޭނާ ލޯބިވާ މީހާއަށް ދެރައެއް ދިނުމަކަށް ނޭދޭނެއެވެ. އެހެންކަމުން ބައިވެރިޔާގެ ފަރާތުން މިކަން ފެނޭތޯ ބަލާށެވެ. ހަމަ މިއާއިއެކު ސިއްރުތައް ހިއްސާކުރުމަކީ މީގެ އިތުރު އަލާމާތެކެވެ. ވަރަށް ބޮޑަށް އިތުބާރު ކުރެވިގެން ނޫނީ ހިއްސާ ނުކުރާނެކަހަލަ ސިއްރުތައް ބައިވެރިޔާ ހިއްސާކުރާނަމަ އެއީ އާދައިގެ ލޯބިވެރިއެއް ނޫނެވެ. އެއީ ތިބާއަށް ލިބިފައިވާ ނަސީބަކަށް ވީއެވެ.

ބައިވެރިޔާއި ދުރުގާ ހުރުމަށް އުނދަގޫވާކަމުގެ އިޙްސާސް ކުރެވި، އަބަދު ކައިރީގައި ހުންނަށް އެދުމަކީ ވެސް ހަޤީގީ ލޯބީގެ އަލާމަތްތަކެކެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދެ ލޯބިވެރިން ދުރުގާ ތިބުމަށް ނޭދުމަކީ މިފަދަ ލޯބީގެ ގުޅުންތައް ވަރުގަދަވާ ކަންކަމެވެ. އަދި އެކަކު އަނެކަކާ ނުލާ އުޅުމަކީ ދަތި އުނދަގޫކަމެއް ކަމަށް ހީވާނަމަ ވެސް އެއީ ރަނގަޅު ފާލެކެވެ. ތިބާ އަށް ލިބޭ ކޮންމެ މޮޅެއް ބައިވެރިޔާއާއި ހިއްސާކުރުމުން މިފަދަ ގުޅުން ދެމިގެން ދަނެއެވެ. މީގެ ސަބަބުން ދެމީހުންގެ ދެމެދުގައި އެކުގައި މަސައްކަތް ކުރުމުގެ ރޫޙް އާލާވެ، ކުރިއަށް ދިޔުމަށް ފަސޭހަވާނެއެވެ.

ބައިވެރިޔާ އަށް ހިތް ދަތިކަން އިޙްސާސް ކުރުވުމާއި، އޭނާ ދެރަވާ ފަދަ ކަންކަން ކުރުމަކީ ގުޅުން ހީނަރުވެދާނެކަމެކެވެ. އެހެންކަމުން ބުނާ ބަހެއް ނުވަތަ ކުރާ ކަމަކުންވެސް ނުކުންނާނެ ނަތީޖާއާއި މެދު ވިސްނާލުމަށްފަހު ނޫނީ އެއްވެސް ކަމެއް ނުކުރުމަކީ ލޯބި އާލާވާނެ ގޮތްތަކެވެ. މީގެ އިތުރުން ވެވޭ ވަޢުދާއި، އަހްދުތައް މަތީގައި ދެމިތިބުމަކީ ވަރަށް މުހިއްމު އެހާމެ ބޭނުންތެރި ކަމެކެވެ. އަދި ހަމައެހެންމެ އެކަކު އަނެކަކަށް އިތުބާރުކުރުމާއި، އެ އިތުބާރު ދެމެހެއްޓުމަކީ ހަޤީގީ ލޯބި ލިބިގަތުމަށް އޮތް އެންމެ ފަސޭހަ ގޮތެވެ.

ހަޤީގީ ލޯބިވާ މީހަކު ލިބުމަކީ ވަރަށް ވެސް ނަސީބު ގަދަ މީހަކަށް ނޫނީ ނުލިބޭނެ ކަމެކެވެ. އެހެނީ އެއީ އެމީހެއްގެ މުޅި މުސްތަޤުބަލް އެކަމެއްގެ މައްޗަށް ބިނާވެގެންދާނެފަދަ ކަމެކެވެ. ލޯބިވެރިޔާ ނުވަތަ ބައިވެރިއަކު އިޙްތިޔާރު ކުރުމުގައި މިފަދަ ކަންތައްތަކަށް ބެލުމާއި، ބައިވެރިޔާއާއި އެކު މިފަދަ ކަންތައްތައް ދެމެހެއްޓުމަކީ ދިރިއުޅުން ބާއްޖަވެރިވާނެ ކަމެކެވެ.