English Edition
Dhivehi Edition

ފާއިތުވެ ދިޔަ އަހަރުތަކުގެ ތަފާސް ހިސާބަށް ބަލާއިރު އައްޑޫ އަކީ މަގުމަތީގެ ނުރައްކާތެރިކަން އެންމެ ބޮޑު އެއްސަރަހައްދުކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު އަލަށް ލައިސަންސް ނަގައިގެން އެމަގުތަކުގެ މައްޗަށް އުޅަނދުގައި ނުކުމެއެވެ. ހަމަ އެއާއި އެކު ލައިސަންސް ނެގުމަށް ދުއްވަން ދަސްކުރަން އޮތް ތަނަކީ ވެސް ހަމަ އެމަގުތަކެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އެއް އުރައަކަށް ދެ ކަނޑި ލެވުނީ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނު ވުޖޫދަށް އައުމާއި އެކު ކޮންމެ މީހަކަށް ދުއްވަން ދަސްކޮށްދިނުން ހުއްޓުމަކަށް އައެވެ. އެގޮތުން ޑްރައިވިން ސްކޫލެއްގެ އެހީގައި ނޫން ގޮތަކަށް ދަސްކުރަން ދުއްވުމަކީ މަނާކަމަކަށް ވިއެވެ. ހަމަ އެއާއި އެކު އައްޑޫގައި ވެސް ޑްރައިވިންގ ސްކޫލްތަކެއް ހެދި ގެން ދިޔައެވެ. ނަމަވެސް ދެން އުފެދިގެން އައި ސުވާލަކީ ދުއްވަން ދަސްކުރާނީ ކޮންތާކުތޯ އެވެ. ކާރުބާރު ބޮޑު، އެބުނާ ނުރައްކާ މަގުތަކަށް ނުކުންނަން ވީތޯ އެވެ. އިތުރު އެހެން ގޮތެއް ނެތުމުން އެމަގުތަކަށް ނުކުތުމީ މުޅިއަކުން ހައްލެއް ނޫނެވެ.

އައްޑޫ އަކީ އާބާދީ ގިނަ އަދި ކާރޫބާރު ބޮޑު ތަނަކަށް ވާއިރު ދުއްވަން ދަސްކުރަން މަގުތައް މައްޗަށް ނުކުތުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ. އަދި ލައިސަންސް ޓެސްޓަށް އާއްމުން ބޭނުން ކުރާ މަގު ބޭނުން ކުރުމަކީވެސް އެންމެ ރައްކާތެރި ގޮތެއް ނޫނެވެ. އެހެންކަމުން މިސަބަބުތަކަށްޓަކައި އައްޑޫގައި ‘ޑްރައިވިންގ އޭރިއާ’ އެއް އޮންނަން ޖެހޭކަމަށް ގިނަ ރައްޔިތުން ބުނަމުން ދެއެވެ. ކައުންސިލް އިދާރާ ހުންނަ ސަރަހައްދަކީ ލައިސަންސް ޓެސްޓް ޖެހުމަށް އެންމެ ރައްކާތެރި ސަރަހައްދުތޯ ސުވާލު އުފެދެއެވެ. އަދި ދުއްވަން ދަސްކުރަން މިސަރަޙައްދުގެ ރައްކާތެރި ކަމާއި މެދު ވެސް ސުވާލު އުފެދެއެވެ. ސަބަބަކީ އެއީ ގުޅިފައިވާރަށްތަކާއި ހިތަދޫ އާއި ގުޅުވައި ދޭ މައިމަގުތައް ހުރި ސަރަޙައްދަށް ވުމުންވެސް މެވެ.

ޑްރައިވިން އޭރިއާއެއް ހެދުމަށް އައްޑޫގައި ބިން އެބައޮތެވެ. އެގޮތުން މީގެ ކުރިންވެސް ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗް ކައިރީގައި އޮތް ހުސް ބިން އެފަދަ ސަރަޙައްދަކަށް ތަރައްޤީގުކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅުއްވިއެވެ. ނަމަވެސް އެކަމަށް ހުރި ބައެއް ހުރަސްތަކާއި ހުރެ އެތަން ވެސް މިހާތަނަށް ތަރައްޤީ ކުރެވިފައި ނުވެއެވެ. މީގެ އިތުރުން ފޭދޫގައި އަލަށް ހިއްކި ސަރަޙައްދާއި، ގުޅިފައިވާ ފަޅުރަށްތައް ހިމެނޭ ސަރަހައްދުގައި ހުރި ބިންތަކަކީވެސް މިފަދަ ކަމަކަށް އެންމެ އެކަށޭނެ ތަންތަނެއެވެ.

އާސަރުކާރު އައިސްފައިވާއިރު މިސަރުކާރުން އައްޑޫގެ ރައްޔިތުންނަށް މިފަދަ އަގު ބޮޑު ހަދިޔާއެއް ދޭނެކަމަށް އުންމީދު ކުރެވެއެވެ. އަދި އައްޑޫ ސިޓީ ކައުންސިލް އިންވެސް މިކަމަށް މަސައްކަތްތަކެއް ކުރާނެކަމަށް ޤަބޫލު ކުރެވެއެވެ. އައްޑޫގެ ރައްޔިތުން ތިބީ ނުހަނު ބޮޑު އުންމީދުތަކެއްގައެވެ.