English Edition
Dhivehi Edition

އުފާވެރިކޮށް އަބުރުވެރި ދިރިއުޅުމެއް ލިބުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނޭ ކަމެކެވެ. ނަމަވެސް މިއީ ކޮންމެ މީހަކަށް އެހާ ފަސޭހައިން ލިބޭނެ ކަމެއް ނޫނެވެ. ނަމަވެސް މިކަން ލިބިގަތުމަށް ވެސް މަސައްކައްތަކެއް ކުރެވިއްޖެނަމަ ކާމިޔާބުވާނެއެވެ.

ކާމިޔާބު މީހަކަށް ވުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެގޮތުން ކާމިޔާބީގެ ފަހަތުގައި އޮތީ އުފާވެރި ކަމަށްވާތީ އެފަދަ މީހަކަށް ވުމަށްޓަކައި ކުރުމަށް އެންމެ މުހިއްމު ކަމަކީ ހިނިތުން މޫނަކާއެކު އެހެން މީހުންނާއި އަބަދުވެސް ބައްދަލު ކުރުމެވެ. ހިތާމަތައް އަބަދުވެސް ފޮރުވުމަށްފަހު މޫނުމައްޗަށް ހިނިތުން ވެފައި ހުރުމަކީ އެހެން މީހުން ތިމާ ބަލައިގަންނާނެ މާތް ސިފައެކެވެ.

މީގެ އިތުރުން ޙުލްޤު ރިވެތި މީހަކަށް ވުމަށްޓަކައި ތިބާއަށް އަނިޔާވެރިވާ މީހާއަށް މާފު ކުރާށެވެ. އޭގެ ސަބަބުން އެހެން މީހުންގެ މައްޗަށް ހިތް ބުރަކަމެއް ނެތި، އެމީހުންވެސް މިބާއަށް މާފުކުރަން ފަށާނެއެވެ. މިއީ ވަރަށް އާދަޔާ ޚިލާފް އެހެންނަމަވެސް ނަތީޖާ ވަރަށް ފޮނި އަމަލެކެވެ. ހަމަ މިއާއި އެކު ތިބާއާއި ގުޅުން ކަނޑާލާ މީހާއާއި ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ރުޅިހަދައިގެން ތިބުމަކީ ގެއްލުން ނޫން ކަމެއް ލިބޭނެކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ.

ތިބާއަށް އެއްޗެއް ނުދީ ހިފަހައްޓައިފި މީހާއަށް ތިބާގެ އަތުގައި އޮތް އެއްޗެއް ދޭށެވެ. މިއީ ހިތްހެޔޮކަމުގެ ނަމޫނާ މިސާލެކެވެ. މީގެ ސަބަބުން ދެވަނަ ފަހަރަށް ތިބާއަށް އެއްޗެއް ނުދީ ހިފަހައްޓަން އެމީހަކު ޖެހިލުންވާނެއެވެ. އަދި މީގެ ސަބަބުން އިޖްތިމާޢީ ގުޅުން ބަދަހިވެ، އެކަކު އަނެކަކަށް ލޯބި ޖެހިގެންދާނެއެވެ. މިއީ ވަރަށް ރީތި އަދި އެހާމެ އިބްރަތްތެރި ސިފައެކެވެ. މިސިފައިގެ ސަބަބުން އެހެންމީހުންގެ އުޅުނމްވެސް ބަދަލު ވެގެން ދާނެއެވެ.

ތިބާއަށް ގޯނާއެއް ކުރާ މީހާއާއިމެދު ޙިލްމުވެރިވާށެވެ. ޙިލްމުވެރިކަމަކީ ބަދަލުހިމުގެ ކުޅަދާނަކަން ލިބިގެން ވުމާއި އެކުވެސް މާފުކުރުމެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ވަރަށް ހިތްވަރު ގަދަ އަދި އެފަދަ މީހަކަށް ވުމަށް އެދޭ މީހަކަށް މެނުވީ ނުކުރެވޭނެ ކަމެކެވެ. ނަމަވެސް މިކަމުގެ ނަތީޖާ ވަރަށް ފޮނިވާނެއެވެ. މީގެ އިތުރުން މީހުން ބަލައިގަންނަ މީހަކަށް ވުމަށްޓަކައި މީސްތަކުންަށް ހެޔޮކޮށް ހިތައި، ހެޔޮ ފޯރުކޮށްދޭށެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ އެހެންމީހުންނަށް އަޙްލާޤީ ނަމޫނާ ދައްކާ މީހަކަށް ވާށެވެ. އެނަމޫނާއިން އިބްރަތް ހާސިލް ކުރާނޭ ކިތައްމެ ގިނަ މީހުން ތިބޭނެއެވެ.

ކުށްހީތަކުން ދުރުހެލިވެ، ތިބާއާއި މެދު ގޯސްކޮށް ކަންތައް ކުރާ މީހާއާއި މެދު ހެޔޮކޮށް ކަންތައް ކުރުމަކީ ކާމިޔާބު ވުމުގެ އެއް ސިއްރެވެ. އިވޭހާ އަޑުތަކަށް ފާރަނުލުމާއި، ބޭކާރު ކަންކަމަށް ވަގުތު ހުސްނުކުރުމަކީ ކުށްހީތަކުން ދުރުކޮށްދޭނެ ކަމެކެވެ. އަދި އެފަދަ ކުށްހީތަކަށް ޝައުޤުވެރިވާނަމަ އަބަދުވެސް ހުންނަން ޖެހޭނީ ޝައްކެއްގެ މަތީގައެވެ. އޭގެ ސަބަބުން އުފާވެރިކަން ގެއްލި މާޔޫސްވާނެއެވެ. ހަމަމިއާއި އެކު ތިބާއާއި މެދު އަނެކުން ގޯސްކޮށް ކަންކުރި ނަމަވެސް ބަދަލު ހިފުމުގެ ބަދަލުގައި އެމީހަކަށް ހެޔޮކޮށް ހިތުމަކީ މާތް ސިފައެވެ.

މިދެންނެވުނު ފަދަ ސިފަތަކުން ތިބާ ޒީނަތްތެރިވާނަމަ، ތިބާގެ ދުޝްމަނުން ނުތިބޭނެއެވެ. އަދި ކޮންމެ މީހަކުވެސް ބޭނުންވާނީ ތިބާއާއި ގާތް ގުޅުމެއް ބާއްވާށެވެ. މީގެ ނަތީޖާއަކަށްވާނީ ތިބާއަކީ ރަޙްމަތްތެރިން ގިނަ އަދި އެބައެއްގެ ހިތުގައި ލޯބި ޖެހިފައިވާ މީހަކަށް ވެގެން ދިޔުމެވެ. އޭރުން މީހުންތިބާ އާއި މެދު ދެކޭގޮތް ބަދަލުވެ، ތިބާ އަކީ ކާމިޔާބު އަދި އުފާވެރި މީހަކަށް ވެގެން ދާނެއެވެ.