English Edition
Dhivehi Edition
ދިރާސީ އާއަހަރުގެ ކިޔެވުމުގެ ފުރަތަމަ ދުވަސް: ސ.އަތޮޅު މަދުރަސާގެ ދަރިވަރުން: ފޮޓޯ ލުބްނާ އޭއޯ ނިއުސް

އުނގެނުމަކީ ވަކި ޢުމުރެއްގެ ވަކި ޖިންސެއްގެ، ވަކި މިންތިއެއްގެ މެދުގައި ހިނގާ ކަމެއް ނޫންކަމަށާއި އުނގެނުމަކީ އެންމެން އެކުގައި ކުރާ ކަމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ހުރަވީ ސްކޫލް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޢިލްމާއި ހުނަރާއި އުނގެނުން އެންމެ ފުންމިނުގައި ކަށަވަރު ކުރެވޭނީ، މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުމާ އެކުގައިކަން ފާހަގަކުރައްވައި، ކިޔަވައިދިނުމާއި އުނގެނުމުގެ މާޙައުލު މިގޮތަށް ބައްޓަންކުރުމުން، ހަމްދަރުދީވާން އެނގޭ، އެކަކު އަނެކަކަށް އިޙްތިރާމް ކުރަން އެނގޭ ޖީލެއް ބިނާކޮށްދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު މިއަދު ރާއްޖޭގެ ހުރިހާ މުދައްރިސުންގެ އަރިހުން ވެސް އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް. އެއީ ދަރިވަރުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމާ އެކު، އެ ޙައްޤުތަކާ އެކުގައިވާ ޒިންމާތައް އެކުދީންނަށް ދަސްކޮށްދެވޭނެ މާޙައުލެއް ޤާއިމުކޮށްދެއްވުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިއަހަރުގެ ކިޔެވުން ފެށުނުއިރު، ސަރުކާރުގެ 213 ސްކޫލް އެބަހުރިކަމަށާއި، އޭގެ ތެރެއިން 134 ސްކޫލެއް، މިހާރުވާނީ އެއް ދަންފަޅިއަށް ބަދަލުކުރެވިފައިކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ބާކީ ހުރި 79 ސްކޫލް ވެސް، އެ ތަންތަނުގެ ޙާލަތު ދެނެގަތުމަށް ފަހު، ވަކި މުއްދަތެއްގެ ތެރޭގައި، އެއް ދަންފަޅިއަށް ބަދަލުކުރާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ހުރަވީ ސްކޫލްގައި ކިޔަވައިދޭނީ، ހުސް ދިވެހި ޓީޗަރުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހިން މި ބޭނުންވާ ޖަޒީރާ ސްކޫލްގެ ނިޒާމަށް މުޅިން ބަދަލުވުމަށްޓަކައި، މިދާއިރާގައި ބިދޭސީން މަދުކޮށް، ދިވެހިން އިތުރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، މިއަދު ކުރަން ޖެހިފައި އޮތް އެންމެ މުހިންމު މަސައްކަތަކީ، މީހުން ބިނާކުރުން. އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް އިތުރުކުރުން. މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރާނެ، އެންމެ މުހިންމު އެންމެ ބޮޑު މަސައްކަތަކީ ވެސް އެއީ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ވަޢުދުވީ ފަދައިން، ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން މަތީ ތަޢުލީމުގެ ސިޔާސަތު އެކުލަވައިލިއިރު، ރާއްޖޭގައި ބެޗްލާސް ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށާއި، އޭގެ އިތުރުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ، މަތީ ތަޢުލީމުގެ ލޯނުގެ އިންޓްރެސްޓް ތިން އިންސައްތައަށް މިހާރު ކުޑަކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، މަތީ ތަޢުލީމް ޙާޞިލުކުރުމަށް ނަގާ ލޯނު، އަނބުރާ ދައްކަންޖެހޭ މުއްދަތު ކުރިއަށްވުރެ 25 އިންސައްތަ އިތުރު ކޮށްފައިވާކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

“ހަމައެއާ އެކު، މަތީ ސާނަވީ އިމްތިޙާނުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ސްކޮލަޝިޕް، އޯ.އީ.ސީ.ޑީ ޤައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު މިހާރު ވާނީ ފަހިކޮށްދެވިފަ. މިއީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި ކަންކަމުގެ ތެރެއިން، ޙާޞިލުކުރެވުނު ވަރަށް މުހިންމު ކާމިޔާބެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާޞިލުކުރުމަށް ކަނޑައެޅި ކަންކަން، އެކަށީގެންވާ ގޮތެއްގައި ފުރިހަމަވަމުން ދާކަމީ، ރަނގަޅު ދުވެލީގައި، ސީދާ މިސްރާބަށް، ސަރުކާރު ދަތުރުކުރާ ކަމުގެ ހެއްކެއްކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ މަސައްކަތްތައް ހަލުވިވެ، ރައްޔިތުންގެ އުންމީދުތައް ފުރިހަމަވަމުން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.