English Edition
Dhivehi Edition

އޭނަގެ އަޑު ފުރިހަމައެވެ. ލަވަހުށަހަޅާގޮތް ހިތްގައިމެވެ. ކިޔާލަވަތަކުން އަޑުއަހާ މީހުންގެ ހިތްތަކާ ކުޅެލައެވެ. ލަވަހުށަހަޅައިދޭ އިރު އޯޑިއަންސާ އެ ބާއްވާ ގުޅުމަކީ ޝޯ ހުށަހަޅައިދޭއިރު މީހުން އޭނަޔާ އެންމެ ގަޔާވާ އެއް ސިފައެވެ.

އައްޑޫސިޓީ ހިތަދޫ އަށް އުފަން އުމުރުން 20 އަހަރުގެ ޙަސަން ޝަހުދާނަކީ މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގައި ބައިވެރިވެ މުބާރާތުގެ ޖަޖުންނާއި އަދި އާންމުންގެ ލޯބި ހޯދި ކުޅަދާނަ ފަންނާނެކެވެ. އައިޑޮލްގެ ގަދަ 6 އިން މުބާރާތާއި ވަކިވި ނަމަވެސް ޝަހުދާންގެ އަޒުމް ވަރުގަދައެވެ. މިފަންނުގައި ދެވުނު އެންމެ މަތީ ހަރުފަތަކަށް ގޮސް ރާއްޖޭގެ ނަން މަޝްހޫރު ލަވަކިޔުންތެރިންގެ ސަފަށް ދިއުމަކީ އޭނަގެ ހުވަފެނެވެ.

ވަރުގަދަ އަޒުމެއްގައި ޝަހުދާން ފެށި ދަތުރު ހަމަ ވަރަށް ކާމިޔާބެވެ. އައިޑޮލް އިން ލިބުނު ކާމިޔާބާއެކު އޭނަގެ މަންޒިލަކަށް ވީ ރިސޯޓް މިޔުޒިކެވެ.

“މިއީ މޫޝަންގެ ފަރާތުން ލިބުނު ފުރުސަތެއް. ކޮންސްޓެންސް މޫފުށީގައި ފުރަތަމަ ޝޯ ދިނީ. އަދި ދެވަނަ ޝޯ ކޮންސްޓެންސް ހަލަވެލީގައި. ޝޯ ހުށަހަޅައިދެވުނު ގޮތް ފުރިހަމަ ކަމުން އެ ކުރިއަށް އޮތް ތަނުގައި ވެސް އެ ރިސޯޓުގައި ޝޯ ހުށަހަޅައި ދިނުމަށް ފުރުސަތު މިހާރުވަނީ ލިބިފައި” ޝަހުދާން ކިޔައިދިނެވެ.

“ރިސޯޓުގައި އޭނަ ލަވަހުށަހަޅައި ދިން ގޮތް ވަރަށް ފުރިހަމަ. ޝޯގައި ދިވެހި ލަވަވެސް ކިޔާލި. އެކަމަކު ލަވަހުށަހެޅި ގޮތުން ކިޔާ އެއްޗެއް ނޭނގުނަސް ގެސްޓުން ތިބީ ވަރަށް ގަޔާވެ ލަވަ އަޑުއަހަން. ބީޓަށް އަތް ޖަހާތަން ވެސް ފެނޭ. އަދި ބައެއް ގެސްޓުން ލަވަޔާ އެކު ނަށަން ވެސް ތިބި. ޝަހުދާންގެ ހުށަހެޅުން ވަރަށް ފުރިހަމަ. ތަނުގެ މާހައުލާ ވަރަށް ގުޅޭ ގޮތަށް ލަވަހުށަހެޅީ. އެއީ ވަރަށް ޓެލެންޓެޑް ކުއްޖެއް” ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅަކު ކިޔައިދިނެވެ.

ހިތަދޫ ސްކޫލުން ތައުލީމު ހާސިލްކޮށް ސާނަވީ ތައުލީމު ނިންމާލިއރު ދުވަހަކުވެސް ސްކޫލުގެ އެއްވެސް މުބާރާތެއްގައި ބައިވެރިވެ ލަވަކިޔާފައި ނުވާ ޝަހުދާން ބުނީ ސްކޫލުގެ އެއްވެސް މީހަކަށް އޭނާ ލަވަކިޔާ ކަމެއް ނުވެސް އެނގޭނެ ކަމަށެވެ.

“ބޭބެމެން ބޮޑުބެރުޖަހާ ހަދާ. ދެން އެންމެ ފަހު އަހަރު 10 ގައި ހުރި އިރު ގުރޫޕުގައި ބައެއް ފަހަރު ލަވަކިޔާ ހަދަން. އެންމެން ބުނޭ ވަރަށް ރީއްޗޭ ލަވަކިޔާ ގޮތް. އެ އަހަރު ސްކޫލްގައި އޮތް ފަންކްޝަނެއްގައި ވެސް ލަވައެއް ހުށަހަޅައިދިނިން. އެހެން ނޫނީ ސްކޫލް ދައުރުގައި މި މަސައްކަތުގައި އުޅެވިފައެއް ނެތް” “އޭއޯ ނިއުސް” އަށް ދިން އިންޓަވިއު ގައި ޝަހުދާން ކިޔައިދިނެވެ.

ސާނަވީ ތައުލީމަށް ފަހު ހިތަދޫގެ ނަން މަޝްހޫރު ރެސްޓޯރެންޓެއްގައި ޝަހުދާން ވަޒީފާ އަދާކުރަން ފެށިއެވެ. އަދި އެތަނުގައި މަސައްކަތް ކުރަމުން ގައުމީ ޔުނިވަރސިޓީގެ ކޯހެއްގައި ބައިވެރިވެ ކިޔެވުން ވެސް ކުރިއަށް ގެންދިޔައެވެ.

ފޮޓޯ ނެގުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރަމުން އަންނަ ޝަހުދާން ވަނީ އޭއޯ ނިއުސްއާއި އީކުއޭޓަރ ވިލެޖާ ގުޅިގެން ބޭއްވި ފޮޓޯގްރަފީ ކޯހެއްވެސް ފުރިހަމަ ކޮށްފައެވެ. ކޯސް ނިންމުމުގެ ރަސްމިއްޔާތުގައިވެސް އަމިއްލަ އަށް އެދިގެން ޝަހުދާން ވަނީ އޭނާގެ ރަން އަޑުން ލަވަ ހުށަހަޅާ ދީފައެވެ. ގިޓާ ކުޅެމުން އޭނާ ކިޔައިދިން “އާ ކުއްޖެކޭ..ދަސްވީ ފަހުން..” މި ލަވަ ހުށަހަޅައިދިން ގޮތް ފުރިހަމަ ކަމުން އެ ދުވަސްވަރު އީކުއޭޓަރ ވިލެޖްގައި ވެސް ބައެއް ފަހަރު ލަވަހުށަހަޅާލާނެ ފުރުސަތު، އެތަނުގެ މެނޭޖަރ ވަހީދު ދެއްވެވިއެވެ.

“އަމިއްލަ އަށް އެދިގެން ރައްޓެހި ކުދިންނަށް ލަވަކިޔައިދެނީ. ދެން ބައެއްފަހަރު ކައިވެނި ޕާޓީތަކާއި ކުދި ކުދި ޕާޓީތަކުގައި ހަމަ އަމިއްލަ އަށް ބުނެ ކިޔައިގެން ވެސް ގޮސް ލަވަކިޔައިދެން. ބޭނުންވީ ދާއިރާއިން ކުރިއަށް ދެވޭނެ ގޮތެއް ފެންނަން ދެން މަސައްކަތް ކުރުމަށް” ޝަހުދާން ކިޔައިދިނެވެ.

ލަވަކިޔުމުގެ ރޮނގުން އާންމުންގެ ތެރެއަށް ޝަހުދާން މަޝްހޫރުވެގެން ދިޔައީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކަކުންނެވެ. އެ ސީޒަންގެ އޮޑިޝަންގައި ޖަޖުންގެ މަގުބޫލުކަން ހޯދާ ގޯލްޑެން ޓިކެޓާއެކު ދެވަނަ ބުރަށް ވެސް ޝަހުދާން ދިޔައެވެ. ނަމަވެސް ތިއޭޓަރ ރައުންޑުން އޭނާ ކެޓީއެވެ.

“ބުނެވޭނީ އެހާ ސީރިއަސް ކޮށް އެވަގުތު އެކަން ނުނެގުނީއޭ. ފުރަތަމަ ފަހަރު ކެޓީމާ ދެން ތިން ވަނަ ސީޒަނަށް ދިޔައީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން. ހިތް އެދޭވަރުގެ ކާމިޔާބީއެއް ލިބިގެން އައިޑޮލް އާ ވަކިވީ” އައިޑޮލްގެ ޓޮޕް 6 ގައި ހިމެނުމަށް ފަހު މުބާރާތާ ވަކިވާން ޖެހުނު ނަމަވެސް ޝަހުދާން އެހާ ދެރައެއް ނުވެއެވެ. ސަބަބަކީ ގިނަ ބައެއްގެ ހިތްތަކުން އޭނައަށް ޖާގަ ދެވި ލަވަކިޔުމުގެ ޖައްވުގައި އޭނާގެ އަޑު ގުގުމާފައި ވުމެވެ. މޯލްޑިވިއަން އައިޑޮލްގެ އެ ދަތުރު އޭނާ ސިފަކުރީ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ލިބިގެން ދިޔަ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ.

މުބާރާތުން ލިބުނު ތަޖުރިބާއާ އެކު އޭނާ މި ދާއިރާއަށް ނިކުތީ ކުރިއަށް އޮތް ތަނުގައި މިއުޒިކީ ދާއިރާ އަށް ހިދުމަތް ކުރުމުގެ އަޒުމާ އެކުގަ އެވެ. ވަކިން ޚާއްޞަކޮށް މިއުޒިކީ ރޮނގުން އައްޑޫ ފަހުރުވެރި ވާނެ މީހަކަށް ވުމަށެވެ.

މުބާރާތުގެ އިތުރުން ގިނަ ބަޔަކަށް ޝަހުދާން އެނގިގެން ދިޔައީ އެލައިޑުގެ ވައުޗަރ އިޝްތިހާރުންނެވެ.

“އެލައިޑުން އެފުރުސަތު ދިން އިރު އެމީހުންނަށް ނުވެސް އެނގޭނެ ޝަހުދާން އައިޑޮލްގައި ބައިވެރިވާ ކަމެއްވެސް. އަސްލު އެއީ އައިޑޮލްގައި ދައްކަން ހެދި އިޝްތިހާރެއް. ޝަހުދާން އޭގައި އުޅޭތީ އިޝްތިހާރު ނުދެއްކި ގިނަ ދުވަސް ދިޔަ. އިޝްތިހާރު ދައްކަން ފެށީ ޝަހުދާން މުބާރާތުން ކެޓުނު ފަހުން” އެލައިޑުގެ އިޝްތިހާރުން ޝަހުދާނަށް ފުރުސަތު ލިބިގެން ދިޔައީ އައިޑޮލްގައި ލިބުނު މަޝްހޫރުކަމުގެ ތެރެއިން ކަމަށް ގިނަ ބަޔަކު ހީކުރިއެވެ. ނަމަވެސް އެއީ މާ ކުރިން އޭނާގެ ހުރި ހުނަރު ފެނި އެލައިޑުން ދިން ފުރުސަތެއް ކަމަށް ޝަހުދާން ބުންޏެވެ.

އައިޑޮލްގެ ޕްލެޓްފޯމުން ލިބިގެން ދިޔަ ތަޖުރިބާއާއި އެއިން ދަސްވި އެއްޗަކާ އެކުގައި ދާއިރާއިން ކުރިއަށް ދިއުމުގެ މަގްސަދުގައި އެނބުރި އައްޑޫއަށް ނުގޮސް ޝަހުދާން މާލޭގައި މަޑުކުރިއެވެ.

އެހާ ހިސާބުން ރާއްޖެތެރޭގެ އެކި ރަށްރަށަށް ޝޯ ހުށަހަޅަން ދިއުމަށް ޝަހުދާނަށް ފުރުސަތު ލިބިގެން ދިޔައެވެ. ފާއިތުވި އީދު ބަންދުގައި ވެސް ޝަހުދާންގެ ހުރިހާ ދުވަސްތަކެއް އޮތީ ފުލްކޮށެވެ.

“އެނގޭ އިތުރު ފުރުސަތު ލިބޭނީ މާލޭގައި ހުރެގެންކަން. ފަންނާނުން ތިބީ މާލޭގައި. ފުރުސަތުތައް ހުރީ މިތަނުގައި. ކުރިއެރުމެއް ލިބުނަސް ލިބޭނީ މިތަނުގައި ހުރެގެން ކަން އެނގޭތީ ރަށަށް ނުގޮސް މަޑުކޮށްލީ” ޝަހުދާން ބުންޏެވެ.

އެހާ ހިސާބުން އޭނާގެ އަތުގައި ހިފީ މިޔުޒިކްގެ ދާއިރާގައި ރާއްޖޭގެ ނަން މަޝްހޫރު ފަންނާނެއް ކަމަށްވާ މޫޝާން އެވެ. މޫޝަންއާއެކީގައި މަސައްކަތް ކޮށް މޫޝާންގެ އެހީތެރިކަމާއެކު ރިސޯޓު މިޔުޒިކަށް އޭނާ ތައާރަފްވިއެވެ. އެއީ އަބަދުވެސް ދެކެމުން އައި ހުވަފެން ފުރިހަމަ ވާން ލިބުނު އުފާވެރި ފުރުސަތެއް ކަމަށް ޝަހުދާން ބުންޏެވެ.

“މި ދާއިރާގައި މިހާ ހިސާބަށް އާދެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއެކު. އެހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ވަކިން ޚާއްޞަކޮށް މުންމު (މޫޝާން) ގެ އެހީތެރިކަން އަބަދުވެސް ހަނދާންހުންނާނެ” ޝަހުދާން ބުންޏެވެ.

ރިސޯޓު މިޔުޒިކާއެކު ޝަހުދާން ދަނީ އިތުރު އެހެން މަސައްކަތް ތަކެއްވެސް މިދާއިރާގައި ކުރަމުންނެވެ. އެއީ ސަޕްރައިޒެއް ކަމަށް ބުނަމުން ޝަހުދާން ބުނީ އެއީ ޝަހުދާންގެ ލަވަތަކަށް ލޯބިކުރާ މީހުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރަކަށެވެ.