އައްޑޫސިޓީގެ ހަންކެޑަ ތަރައްޤީކުރުމުގެ ޕްރޮޖެކްޓެ މަސައްކަތް މިހާރު ހުއްޓިފައި އޮތަސް އެމަސައްކަތް ޖަނަވަރީ މަސް ނިމުމުގެ ކުރިން ކޮޅެއްގައި ޖައްސަވާނެކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ އައްޑުއަށް ވަޑައިގެން އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމިނިސްޓްރީން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
އައްޑޫސިޓީގެ މަރަދުއާ އިންވެގެން އޮންނަ ހަންކެޑެއިގައި 100-160 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތަކީ 2005 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެހެންނަމަވެސް އެ މަސައްކަތް ތަފާތު އެކި ސަބަބުތަކާ ހެދި ވަނީ ފަސްކޮށްފައެވެ.
ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުވުމުގައި އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮން ޖެހުންތަކާއި ދަތިތައް މޭޔަރ ވަނީ މިނިސްޓަރަށް ވިދާޅުވެދެއްވާފައެވެ. އަދި ކައުންސިލުން އައްޑޫ ޓުއަރިސްޓް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތުވެސް މޭޔަރ މިނިސްޓަރަށް ދެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމިނިސްޓްރީން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައެވެ. އެގޮތުން އިންޑިއާގެ މާކެޓްތަކަށް އައްޑޫ ޕްރޮމޯޓް ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށާއި، މިނިސްޓަރ އިންޑިއާ އަށް ކުރެއްވުމަށް ނިންމަވާފައިވާ ދަތުރުފުޅުގައި ކައުންސިލުން ބައިވެރިވުމުގެ ފުރުސަތު ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ އިންޓަރނޭޝަން އެއަރޕޯޓްގެ އެރައިވަލް އިން ފަތުރުވެރިންނަށް ލިބެން ހުންނަ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރައްވަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުގެ ތެރެއިން ބާރު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އައްޑޫއިން ޓޫރިޒަމް ވިޔަފާރީގެ ބޭނުންތަކަށާއި ގެސްޓްހައުސް ގެ ވިޔަފާރިތަކަށް ބިން ދޫކުރުމުގެ މަސައްކަތް މިނިސްޓްރީ ތެރެއިން ކުރައްވަން މިހާރު ފަށްޓަވާފައިވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އައްޑުއަށް އަންނަ ބައެއް ސަފާރީ ތަކުންނާއި ޔޮޓްތަކުން އަމަލުކުރާގޮތުން ޑައިވިންގ ސައިޓްތަކަށާއި، އައްޑޫގެ ތިމާވެށްޓަށް ބައެއް ކަހަލަ ނޭދެވޭ އަސަރު ކުރިކަމުގައި ވިއަސް އެކަން ކައުންސިލަށް މޮނިޓަރ ކުރެވޭން ނޯންނަ ކަމަށާއި އެހެން އެކަން ދިމާވަނީ މިފަދަ އުޅަނދުތަކުގެ މައުލުމާތު ކައުންސިލަށް ނުލިބި އޮންނާތީ ކަމުގައި މޭޔަރ ފާހަގަކުރެއްވުމުން މިނިސްޓަރ ވިދާޅުވީ، އައްޑުއަށް އަންނަ އެފަދަ އުޅަނދުތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ކައުންސިލާ ހިއްސާ ކުރައްވާ ގޮތަށް ހަމަޖައްސަވާނެ ކަމުގައެވެ. ގެސްޓްހައުސްތަކާއި ރިސޯޓްތައް ކައުންސިލް މެދުވެރިވެގެން ޗެކް ކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އައްޑޫސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ޕްލޭންތައް ބެއްލެވި ކަމަށާއި ވަރަށް ފުރިހަމަ ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލުން ތައްޔާރުކޮށްފައިވާ ބުކްލެޓާއި މެޕް އެކިއެކި ފެއަރތަކުގައި އެމްއެމްޕީއާރުސީން ބައިވެރިވާއިރު އައްޑޫ ޕްރޮމޯޓްކުރުމުގެ ގޮތުން ބޭނުންކުރެވިދާނެ ކަމުގައި ވިދާޅުވިއެވެ.