English Edition
Dhivehi Edition

އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ ކޮމާންޑަރުގެ މަގާމަށް އަލަށް ހަމަޖެއްސެވި ކާނަލް އިބްރާހިމް ރަޝީދު ރަސްމީ ގޮތުން މަގާމާ ހަވާލުވެވަޑައިގެންފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރގެ މަގާމުގައި މީގެ ކުރިން ހުންނެވީ ކާނަލް އަބްދުﷲ އިބްރާހިމް ދައުރު ހަމަކުރެއްވުމަށް ފަހު މިހާރު ވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސް ގެ ކޮމާންޑިން އޮފިސަރ ގެ މަގާމަށް ބަދަލުކުރައްވަވާފައެވެ.

އާ ކޮމާންޑަރ ގެ ގޮތުގައި ވަޑައިގެންނެވި ކާނަލް އިބްރާހިމް ރަޝީދު މީގެ ކުރިން ހުންނެވީ ޕްރެޒިޑެންޝަލް ގާޑް ގެ ކޮމާންޑިން އޮފިސަރ ގެ މަގާމުގައެވެ.

ކާނަލް އިބްރާހިމް ރަޝީދުވަނީ މިދިޔަ ހަފްތާގައި އައްޑޫސިޓީއަށް ވަޑައިގެން އައްޑޫސިޓީ ކައުންސިލާ ވެސް ބައްދަލު ކުރައްވަވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އެމް.އެން.ޑީ.އެފް އާއި ކައުންސިލާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށާއި އައްޑޫސިޓީއަށް ދިމާވާ އެކިއެކި ކަންކަމުގައި ދެފަރާތުން އެހީތެރިކަން ފޯރުކޮށްދީ މަޢުލޫމާތު ހިއްސާކޮށް އެކުގައި މަސައްކަތް ކުރުމަށެވެ. ހާއްސަކޮށް އަލިފާނުގެ ހާދިސާތަކާއި އެހެނިހެން އެފަދަ ހާދިސާތަކާއި ކާރިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޑިޒާސްޓާ ޕްލޭނެއް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތް ރާވައި ހިންގުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ދެފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.

އައު ކޮމާންޑަރު ކާނަލް އިބްރާހީމް ރަޝީދުގެ މިޒިޔާރަތުގައި ކައުންސިލާއި އެމް.އެން.ޑީ.އެފް އާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.