English Edition
Dhivehi Edition

ދިވެހިންނަކީ ތަރައްޤީއަށާއި ފެޝަނައް ނިކަން ލޯބިކެރާ ބާކިއެ. ވޭނޑޭ ވޭނޑުމާއި ކަމާއި ބަހާއި ހިފައި ގިނިވޭނޑޭ ސާމާނަސް ނިކަން އަވަހައް ފެޝަނާއި އެކީ ބަދަލުކޮއްލާބާކިއަ. ދުނިޔޭގެ ބާޒާރައު އަލައް ނުކުންނަ ކޮންމި އެއްތައް ދިވެހިރާއްދޭއު އެތެރެވޭތޯ ދިވެހި ވިޔަފާރިވެރިއަސް ބަލަތާ. އަދި އެތެރެ ކެރާ ސާމާން އަވަހައް ވިއްކާއް، މުޅު އިޝްތިހާރަތައު ހަދަގަން އާންމުނައް ދައްކައި އެގިނޭ ސާމާން ހަމަ އެހެއި ހަލޫކޮއް ވިއްކައި ހުސްކޮއްލަތާ. އެހެންވީމެއި ދިވެހިންނަކީ އައު ފެޝަންތަކަށާއި އައު ކަންކަމަށާއި ލޯބިކެޑުމުގެ ލާމަސީލުބާކިއަ.

ފެޝަނައް ލޯބިކެޑުމާއި އެކީ އިސްރާފުކެޑުމަސް އޮންނަށީ ދިވެހިންގެ އެތެރަ އާންމުވެފެއި. އިސްރާފުކެޑުމަކީ ގިނަދިވެހިން ކުދުކާށަބޮވިގޮސް އޮއް ކަމާކާއުބެނިޔަސް ދޮގަކައްނިވޭހެއެއް. މެހެންމިބެޱ ދިވެހިން ވަލައު އެއްލަލާ ސާމާން ގިނަކަމުން. ގިނިވޭނޑޭ ސާމާން ބައު ނިވިއަސް ނަގަފެއި ވަލައު އެއްލަލާއި ބާޒަރައް ނުކުންނަ އެންމެ ފަހުގެ އެއްތަތި ގިނަގެން ބޭނުންކެޑުމަކީ ގިނަމީހުން ކެރާކަމައް. އޭ ބައެއްމީހުން އެންމެ އުހައުވޭ އެންމެ ފަޚުރުވެރިވޭ އެއްކަން.

ފެޝަނައް ލޯބިކެޑުމާއި އައުއީޖާދުތައް ބަލަގަތުމަކީ އޭގެ ޒާތި ވަރައް ރަނގަޅަކަމައް. ދާޱިން ފެންފުރަގަން ވަޑުން ހެނުމުގެ ބޭނުމައު އެއްލެހެކިއަސް ނެއު އެއައްވަނި ފަސޭހަކޮއު އެކަންވޭއު އޮއްވޭލެއި. އެކަމަކި އައު ކަންކަމާއި އައު އެއްތަތި ބަލަގުތުމެ ދިވެހިންނާއި ދުނިޔޭގެ އެހެން ޤައުމުތަކި މީހުންނާއި ވަރައްބޮނޑަ ފަރަޤައު ހިށެއި. ދިވެހިން އައު އެއްތަތި ބަލަގަންނަކޯ އެބަލަގަތުމާއި އެކީ އެވެރިންގެ އަމެއްލަވަންތަކަމާއި އެ އަމެއްލަވަންތަކަމާއި ގުޅިފެއި އޮންނަ ސަޤާފީ ތަރިކާސް ދޫކޮއްލަތާ.

ދިވެރާއްދޭކީ އުމުރުގެ ގޮތުންބަލާކަލަކި ދުނިޔޭގެ އެންމެ ބާރަގަދަ ބައެއް ޤައުމުތަކައްވަނި މުސްކުޅި ޤައުމައް. މިސާލަކައް ބަލާކޯ ދިވެހިރާއްދޭކީ އެމެރިކާއްވަނި މާ ދުވަސްވީ ތާރީޚައް އޮއް ޤައުމައް. އެކަމަކި ދިވެހި ތާރީޚީ ތަންތަނާއި ސަގާފަތާއި ފެނޭކައްުނެއް. ދިވެހިއެ އެ ތަރިކަ ދިވެހިން އަމެއްލަ އަތުން ކަފުންކޮއްފެއި ވަޑިލާވިއެ. އެހެން އެކަން ކެޑެއި އެކޯތިބި ދިވެހިންނައް ސަޤާފީ ތަރިކައިގެ މުހިއްމުކަން ނިވިސްނިގެން. މިހެއިސާބުން ހިތައު އަރަނީ އަފިރިން ދިވެހިންނައް އަދިޔަސް ތާރީޚާއި ސަގާފަތުގެ މުހިއްމުކަން ނިވިސްނޭތައު؟ އަފިރިންގެ އަމެއްލަވަންތަކަމުގެ މުހިއްމުކަން ނިވިސްނެނީތައު؟ ސަޤާފައް ދޫނިކޮށަސް ފެޝަނައް ލޯބިކެޑުމަކީ ވެވިޔޭނެ ކަމައްކަން ހަމަ ނިއެނގެނީތައު؟

އިހުގެ ސަގާފީ ތަރިކަ ހިމާޔައްކެޑަ ޤައުމުތަކުން އަދަ އެވެރިންގެ ކާބަފައިންގެ ތަރިކަ، ރަށައު އަރާ ބީރައްޓެހިންނަށާއި، ދަތަރަވެރިންނަށާއި ފަތަރަވެރިންނައް ވިއްކަގަން އެވެރިން ހޯދާ މަންފާ ކުދައްނުން. މިކަން ދިވެހިންނައް ވަރައް ރަނގަޅާއު އެނގެއި. އެކަމަކި މިކަލަސް މިޤައުމުން މިފެނެނީ ތާނކި ދުވަސްވީ އިމާރާތަކަސް ގެހަކަސް ހިށިފެހޭ ނައްތަލާތަން. ތަރައްޤީގެ ނަމި ޒަމާނީ ކޮންކްރީޓް ފަވަރަތައު އެ ތަރީޚާއި ސަގާފަތުގެ މައްތައް ގަދަކޮއްދޭތަން. ފެޝަނައް މަރުޙަބާކޭތަން. އެކަމަކި އެތަންތަން ބާތިބައިއަސް ޒަމާނީ ފެޝަން ކޮންކްރީޓު އިމާރާއު އަފިންނައު އެޑިއޭހެއް ނުނީ؟ ތަރައްޤީއަކީ ތަރިކަ ސަންދޯކައު އެޑުމީ؟.

ބާކިންނައް ލިބިފެއި އޮންނަޱަ އެންމެ އަގަބޮނޑަ ޖަވާހިރަކީ އެބާކިންގެ އަމެއަލަވަންތަކަން ހާމަވޭ އެބާކިންގެ އަމެއްލަ ތަރިކަ. މިލެކުން ބަލާކޯ ބަހާއި ސަޤާފަތަކީ އެންމެ މުހިއްމު އެންމެ އަގަބޮނޑަ ތަރިކަ. ދިވެހިންނަކީ ބަހުގެ ގޮތުން މުއްސަންތި ބާކިއަ. ކުދުކުދު މި ދިވެހި ފަސްގަނޑި ދިވެހިންގެ އަމެއްލަ 4 ބަހުން ވާހަކަދައްކާކަމީ ފެނޭއު އޮއް ހަޤީޤަތައް. އަފިރިންގެ ކާބަފައިން އަފިންނާއި ހަމާއް ގިނާސްދިން ނިލާހިކަ މުހިއްމު ތަރިކާއް. އެކަމަކި އަދަ މިފެނެނީ އެހެން ބާކިންގެ ބަސް އަފިންނައް މުހިއްމު ވޭތަން. އެހެންބާކިންގެ ބަހުން ވާހަކަދެއްކުމަކީ އަފިރިންގެ އުހައު ކަމައް ވޭތަން. އެހެންބާކިންގެ ބަހުން ވާހަކަދެއްކުން އަފިރިންގެ ފެޝަނަކައް ވޭތަން.

އިނގިރޭސިބަހައް ދިވެހި ސަރުކާރުން ދިން ސަމާލުކަމެއްގެ ސަބަބުން ދިވެހިންގެ ރަސްމީ ބަހަސް މީގެ ދުވަސްކެޑައްކުރިން އޮތީ ކަކުލަކާފެނެއިޔައު ބެޥިޔަސް ދޮގަކައް ނިވޭހެއް. އެހެން ފެހެނާސް ދިވެހި ރަސްމީ ބަހާއި ބެހޭގޮތުން ވަކާލާތުކެޑަ ބާކިން ވަކާލާތުކޮއް ރަސްމީ ބަހައު ހިމާޔަތާއި ރައްކައުތެރިކަން ދިވެހި ސަރުކާރުންވެނީ ދެރަފެއި. އެކަމަކި ދިވެހި ސަރުކާރަކުން އެއްވެސް ކަލަކި ދިވެހިރާއްދޭއި ދެކުޱެ ތިން އަތެޅެ ވާހަކަ ދައްކާ ބަހައް ސަމާލުކަމައް ނިދެތާ. ނިވީތާނކައް އަފިރިންގެ ކުދު ކުދިން ރަސްމީބަހައް މުޅުކެރާއްވެގަން އަފިރިޔާސް އަފިރިންގެ ބަސް ދޫކޮއްލާއި އަފިރިންގެ އެޅަކޮއްޔާ ދާނަ އޮއްވޭލެއި އެކޮއްޔާއިއަސް ‘މަންމީ’ ‘ޑެޑީ’ އައު ކޭފެއި ނުންފެހޭ ‘މަންމަގެ ލޯބިފުއްގަނޑު’ އައު ކޭފެއި ވާހަކަދައްކާއް ފައްޓަގަންމާ. ނަތީޖާކައްވީ އަފިރިންގެ އައްޑޫބަހާއި ހުވަދޫބަހާއި ފޯއްމުލަކިބަސް މީ އަފިރިންގެ ޒުވާނުން ވާހަކަ ދައްކާއް ލަދަގަންނަ ބަހަކައްވުން. އަފިރިންގެ މައިފުނަބަސް އަފިންނާއި ބީރައްޓެހި އެއްތަކައްވުން. އައްޑޫ ބަހުންވާހަކަދައްކާ މީހުންނަކީ އައްޑޫމީހުންކުރިމައްތެއަސް މާ ބޯދާ ޚިޔާލަ ގިނިވޭނޑޭ ‘ކަޑަ’ ބާކިންކަމުގައި ވުން

ދިވެހިރާއްދޭއި ދެކުޱެ ވާހަކަދައްކަނީ ދިވެހި ބަހުގެ ބަހުރުވާކުންކަމުގައި ވެނީފެހޭސް އަފިރިންގެ އަމިއްލަވަންތަކަމައް ލޯބިކެޑުމުގެ ގޮތުން އަފިރިންގެ ބަހުރުވަ ކުރިއަރުވާއް މަސައްކައް ކެރާއްތެބަވެއި. ސަބަބަކީ އަފިރިންގެ ބަސް ނުންފެހޭ ބަހުރުވަ އުވިގެން ގެއުމަކީ އެތައް ބާކިންގެ އިހުސާސާއި ޝުއޫރު ވަޑިލާލުން ކަމައް ވޭހެދީ. އެވެރިންގެ ސަގާފަތަސް ވަޑިލާލުން ކަމައް ވޭހެދީ ފެޝަނައް ލޯބިކެޑުމުގެއަސް ހައްދައު އޮންނައް ވޭހެއް ދީ؟ ފެޝަނާއު ކޭފެއި އަމެއްލަވަންތަކަން ދޫކޮއްލާކައް ނިވޭހެއްދީ؟

ފެޝަނައް ލޯބިކެރާއްވެގެން، އަފިރިންގެ މުންނާއި މާފާއި ދެވެރިން މަރަވެގެން ވަޑިލީލެކައް އެވެރިން އަފިންނައު ހަދިޔާކެޑަ ‘މުންނާ’ އި ‘މާފާ’ ކަހަލުގެ ނަލަ ނަލަ ބަހަސް އަފިރިން އަމެއްލަ އަތުން ކަފުންކޮއްފެއި ސަންދޮކެޖަހަފެއި ވަޑިލާލާށާވީ؟ އައްޑޫބަސް ކަފުނެ ޖަހަފެއި ވަޑިލާވައި ‘އެވެރިންގެ’ ބަހުން އައްޑޫމީހުން ހޮޅިހޮއްލަގަންމެއި އޮންންޱެއި އައްޑޫމީހުންގެ އަމެއްލަވަންތަކަމުގެ އެންމެބޮނޑަ ހެކި ގެއްލިފެއި. އަފިރިންގެ އަމިއްލަބަހާއި އެބަހާއި ގުޅިފެއިވޭ ހުށެހެއި އިހުސާސާއި ޝުޢޫރު ގެއްލިފެއި، އައްޑޫ ކާބަފައިންގެ ހުށެހެއި ޝުއޫރަކަސް ވަޑިލީފެއި. މީ އައްޑޫ ޒުވާނުނާއި ސަރުކާރި އައްޑޫ ތަމްސީލުކެރާއް ތިބި މީހުން ވިސްނާއްޖެހިފެއި އޮއްކަމައް. އަފިރިންގެ އައްޑޫބަސް މިކޯ މިއޮތީ ކަރިކާފެނެކަން އަފިންނައް ތެބަފެނެއި. ވީމެއި މީ އަމަލީގޮތުން ފިޔަވަޅަ އެޑާއްޖެހިފެއިއޮއް މުހިއްމު ކަމައްކަން ޔަޤީން.
އެބާކިންގެ އަމެއްލަ ތަރިކަ ހިމާޔައްކެރާޱެއި އެބާކިން އަމެއްލާއް. އަފިރިންގެ ތަރިކަ ހިމާޔައް ކެރާކައު އެހެން ބާކިއަ ނިއޭށިއަ. އައްޑޫބަހުގެ ހިމާޔަތި ހައްދުންމަތީ މީހައް މާލޭ މީހައް ނިނުކުންނެހެއް. އައްޑޫބަހާއިގެން ވަކާލާތު ކެރާއްތިބޭޱެއި ހަމަ އައްޑޫ މީހާ.

އަފިރިންގެ ފަޚްރަކީ އަފިރިންގެ މުނިމުންނާމެން މުނިމާފާމެން އަފިންނާއި ހަމާއް ގިނާސްދިން އަފިރިންގެ މައިފުނަބަސް އަފިރިންގެ ފަޚްރަކީ އަފިރިންގެ އައްޑޫ ބަސް. ‘އަފިރިންގެ ބަސް ކުރިއަރުވާއް މަސައްކައް ކެރާޱެއި އަފިރިއަ. ފެޝަނައް .ލޯބިކެޑަސް އަފިރިއަ އަފިރިންގެބަސް ދޫނިކެރާށުމާ’ މީ ކޮންމި އައްޑޫ މީހަކާގެ މޮޓޯ ކަމުގައި ހަދާއް ތެބަވެއި. ފެށަން އެއްތަތި ގިނަގެން ވިއްކާއް އިޝްތިހާރަކެރާކޯ މުންނާމެންގެ ބަހުނަސް އިޝްތިހާރަ ވެވިއޭހެއް ނުނީ؟