English Edition
Dhivehi Edition

ކަނޑާއި ކަނޑުގެ ދިރުންތަކުން ބަނޑުފުރާނަ މުއްތިކޮށް އެކަނޑުގެ މެދުން ހިކިފައިވާ ކުދި ޖަޒީރާ ތަކުގައި ދިރިއުޅެމުންދާ ދިވެހި ދަރީން ގެ އެންމެ ގަދީމީ ކެއުން ކަމުގައިވާ ބަތާއި ގަރުދިޔައިގެ ކެއުމެއް ތައްޔާރުކޮށްލައިގެން ލުބްނާން ގެ ޢަބީރު އަލްސަޣީރު މިވަނީ ދިވެހިންގެ ހިތްތައް ފަތަޙަކޮށްފައެވެ.

ކަސަބުން ޖަރީކޮށްފައިވާ ބޯވަޅެއް އެޅި ރަތް ލިބާހެއްގައި އިހުގެ 5 ފޮތިލީ ރަން ފައްޓަރުބައެއް އަޅައިގެން ހުރެ އޭނާ ފަރުމަހަކުން ގަރުދިޔަ ކައްކަންފެށީ ދިވެހިންގެ ޖޯޝު އިތުރުކޮށްދޭ ބޮޑުބެރުގެ އަޑާވެސް އެކުގައެވެ. ދިވެހިވަންތަ ރާގުތަކެއް ކުޅެމުންއަންނަ “ރާޅުގަނޑު ބޮޑުބެރުގެ” ހިތްގައިމު ލަވަ” ބާރަށް ދުއްވާ” އިން ފެށުނު އެ ވީޑިއޯގައި އޭނާވަނީ ލޮނާއި ފިޔާ އަދި ހިކަނދިފަތް ލައިގެން ފަރުމަހުގައި ގަރުދިޔަ ކައްކައި،ބަތާއި ފިހުނުމަހާއި ގަރުދިޔައިގެ ޑިޝްއެއް، ފިޔާ ، ލުބޯއަދި ރޯމިރުހުން ގާނިޝް ކުރުމަށްފަހު ދިވެހި ދިދައަކާއެކު ދައްކާލާފައެވެ.

ޓިކްޓޮކްގެ ދުނިޔޭގައި އެތައް ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ކުޅަދާނަ ޝެފް، އޭނާގެ ފުރަތަމަ ދިވެހި ޑިޝްތައްޔާރުކުރަމުން ދިޔައީ ބޮޑުބެރުގެ ހަމައަށް ނަށަމުން ލަވައިގެ ލިރިކްސްވެސް ކިޔަމުންނެވެ. މިއީ ދިވެހިންގެ ސަގާފަތާއި ގުޅޭ މިފަދަގޮތަކަށް ބޭރުމީހަކު ދިވެހި ކެއުމެއް ތައްޔާރުކޮށް މީސްމީޑިއާއަށް ދޫކުރި ފުރަތަމަ ފަހަރުކަމަށްވެފައި، ވީޑިއޯ އަޕްލޯޑް ކުރިތާ މާގިނަ އިރެއް ނުވަނީސްވެސް އެތައް ބައެއްގެ ތަރުޙީބު އެވީޑިއޯއަށްވަނީ ލިބިގެން ގޮސްފައެވެ. ވަކިން ޚާއްސަކޮށް ދިވެހިން އެކަމަށް އުފާކޮށް ހިތްވަރު ދީ، ގިނަ ކޮމެންޓްތަކެއް ކޮށްފައިވާތަން ފެނެއެވެ.

ދިވެހިން ކޮށްފައިވާ ބައެއް ކޮމެންޓްތައް

ރީތި ކަލިނަރީ އުކުޅުތަކަކާއެކު މީރު ކެއުންތަކެއް ދައްކަމުން އަންނަ ޢަބީރަކީ މީސް މީޑިއާގައި މިހާރަކަށްއައިސް އެންމެ ވިދާ އެއް ޝެފެވެ. ޢަރަބި މިޒުވާނާ ޚާއްސަ ވެފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ ސަގާފަތާއި ގުޅޭ ގޮތަށް ހެދުން އަޅައިގެން ޤައުމުތަކުގެ މީރުކެއުންތައް ޝައުގުވެރި ގޮތަކަށް ހުށަހަޅައިދޭ މޮޅުފަންނާނެއްގެ ގޮތުގައެވެ. އެންމެ 24 އަހަރުގެ ޢަބީރުގެ ޓިކްޓޮކް އެކައުންޓަށް 500 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާ އިރު އޭނާ ފޮލޯކުރާ މީހުންގެ ޢަދަދު 23 މިލިއަނަށްވުރެ ގިނައެވެ.

އޭނާއަކީ އެންމެ ގިނަ މީހުން ފޮލޯކުރާ ޢަރަބި އުފެއްދުންތެރިޔާވެސް މެއެވެ. މިއަހަރު ސަޢުދިޢަރަބިއްޔާގައި ބޭއްވި ޖޯއި އެވޯޑު ޙަފްލާގައި އޭނާ ވަނީ އެންމެ މަގުބޫލު އަންހެން އިންފްލުއެންސަރ ގެ މަގާމް އުފުލާލާފައެވެ. އާދަޔާ ޚިލާފު ހުނަރަކާއި ރީތި ކަމެއް ލިބިފައިވާ މި އަންހެން ކުއްޖާއަށް މީސްމީޑިއާގައި ދީފައިވާ ލަގަބަކީ “ޢަރަބި ޑިޒްނީ ޕްރިންސެސް” އެވެ.

ކޮވިޑް 19 ގެ ޢާލަމީ ވަބާ ދުނިޔެއާއި ކުރިމަތިވި ނާޒުކު ދަނޑިވަޅު ކަރަންޓީނުގައި ހުރެގެން ތަފާތު ހުނަރެއް ދައްކާލުމުގެ ނިޔަތުގައި ޢަބީރު، ކެއްކުމުގެ ތެރެއަށް ވަންނަމަވެސް އޭނާއަކީ ލައިފްސްޓައިލްއާއި ކުރެހުމާއި، ޑިޒައިނިންއަށް ލޯބިކުރަމުން ދިޔަ ޒުވާނެކެވެ. އެކަމަށްހުރި ޝައުގެއްގެ ބޮޑުކަމުން އޭނާގެ ފުރަތަމަ ޑިގްރީ ނިންމާލީވެސް އިންޓީރިއާ ޑިޒައިނިންގެ ރޮނގުންނެވެ.

ޢަބީރުގެ ވީޑިއޯތަކަކީ އޭނާ ގެ އަމިއްލަ ހުނަރާއި ގުޅިފައިވާ މަސައްކަތެކެވެ. ޗާލު ތީމްސެޓިންތަކާއެކު ހުށަހަޅައިދޭ ކެއްކުމުގެ މޮޅު ހުނަރަކީ އޭނާގެ ވީޑިއޯތަކަށް ލިބިފައިވާ ޚާއްސަ ސިފައެކެވެ. އެއާއެކު ވީޑިއޯތަކުގައި ބޭނުންކޮށްފައިވާ ވިޝުއަލް އިފެކްޓްސްއާއި ސައުންޑް ކިއު އާއި ޒޫމިން އަދި ސްލޯ މޯޝަންތަކުގެ މޮޅުހުނަރުން ވީޑިއޯ ބަލާމީހުން ގެ ސަމާލުކަން އޭގައިވާ ހުރިހާ ޝޮޓަކަށް ދަމައިގަނެވެއެވެ.

ވީޑިއޯތަކުން ފެނިގެންދަނީ ޢަބީރު އަލްސަޣީރު ބުނާގޮތުން އޭނާގެ ބަދިގޭގައި އޭނާކުރާ އިޙުސާސްތަކެވެ. އޭނާ ބުނާ ގޮތުގައި ބަދިގެއަކީ އަންހެނުންގެ ހުރިހާވެސް އުފަލެއް ގުޅިލާމެހިފައިވާ ތަނެވެ. ޢަބީރު ބޭނުންވަނީ އެ އުފާވެރި އިޙުސާސް މުޅި ދުނިޔެއާއިވެސް ޙިއްސާ ކުރުމަށެވެ. ރީތި ހިނިތުންވުމެއްގައި އަބަދުވެސް ފެންނަމުންދާ “ޢަރަބި ޑިޒްނީ ޕްރިންސެސް ” މެދު އިރުމަތި ފަހަނައަޅާ ، ޙައްޠު އިސްތިވާ އާއި އަރާ ހަމަކޮށް، ރާއްޖޭގެ ދޮންކަމަނައެއް” ފަދައިން މިއަދު އެކުޅެލީ ދިވެހިންގެ ހިތާއެވެ.

ޢަބީރުގެ ޓިކްޓޮކް ވީޑިއޯ

@abir.sag

Replying to @SuMmEr maldivan garudhiya 🇲🇻 طبق مالديفز الوطني #maldives #🇲🇻 #abirzkitchen #garudhiya

♬ original sound – Abir el saghir