English Edition
Dhivehi Edition

ދިރާގުގެ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށް، ސޮލަރެލް އިންޝުއަރެންސްގެ މޮޓޯ އިންޝުއަރެންސް ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް، މިއަދު ދިރާގު އަދި ސޮލަރެލް އިންޝުއަރެންސް ގުޅިގެން ތައާރަފު ކޮށްފި އެވެ.

އެގޮތުން މިހާރު ސޮލަރެލް އިންޝުއަރެންސްގެ މޮބައިލް އެޕްލިކޭޝަން، ” ސޮލަރެލް މޮޓޯ ތަރޑް ޕާޓީ އެޕް” މެދުވެރިކޮށް ދިރާގު ޕޭގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ސޮލަރެލް އިންޝުއަރެންސުން ފޯރުކޮށްދޭ ހުރިހާ މޮޓޯ އިންޝުއަރެންސްގެ ޕޮލިސީތަކަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. މި އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑު ކުރެވޭނެއެވެ.

ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނި، ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. އެ ހިދުމަތަކީ ނިއާ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި ހިދުމަތެކެވެ.

ދިރާގުޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގުޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫ.އެސް.އެސް.ޑީ މެނޫ ބޭނުންކޮށްގެން އުނދަގުލަކާނުލައި ރަޖިސްޓްރީކޮށްލެވޭ ހިދުމަތެކެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެއެވެ. އަދި ދިރާގުގެ ވެބްސައިޓުންވެސް ވޮލެޓަށް ލާރިއެޅޭނެއެވެ.

ދިރާގުޕޭ އިން ދިރާގު ނޫން ނެޓްވޯކެއްގައި އުޅޭ ކަސްޓަމަރަކަށް ވެސް ފައިސާ ފޮނުވައި އެހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށް ވެސް އޭޖެންޓް މެދުވެރިކޮށް ފައިސާނެގޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު ޕޭގައި ބޭނުން ކުރާ އެންއެފްސީއަކީ މިފަދަ ޑިޖިޓަލް ވޮލެޓް ހިދުމަތެއްގައި މިޓެކްނޮލޮޖީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ.