English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މާފަންނު ޖަވާހިރުވާދީ އިފްހާމް ޙުސައިނެވެ.އެޓަރަނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މާފަންނު ނިޔަދުރުމާގެ ޚަދީޖާ ޝަބީންއެވެ. ޚަދީޖާ ޝަބީން އެމަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

އިފްހާމް ޙުސައިންއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަރން ކުއީންސްލަންޑުން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ބެޗެލަރސް ޑިގްރީ އިން އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.އިފްހާމް ޙުސައިން އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައެވެ.

ޚަދީޖާ ޝަބީން އަކީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯ އިން މާސްޓަރ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަރނުން ބެޗެލަރ އޮފް ލޯސް ވިތު އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.ޚަދީޖާ ޝަބީންއަކީ ޤާނޫނީ ދާއިރާގައި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޚަދީޖާ ޝަބީން މީގެ ކުރިން ވަޒީފާ އަދާކުރެއްވި ތަންތަނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަޤާމުތަކުގެ އިތުރުން އަމިއްލަ ލޯ ފަރމްތަކުގައިވެސް ޤާނޫނީ ދާއިރާއިން މަސައްކަތްކުރައްވާފައިވެއެވެ.