English Edition
Dhivehi Edition

މާލެއިން ހުޅުމާލެއަށް ކުރާ ބަސް ދަތުރު ތަކުން ފީއެއްގެ ގޮތުގައި “ޓަޗްލިންކް” ކާޑު މެދުވެރިކޮށް މިއަދުން ފެށިގެން 10 ރުފިޔާ ނަގަން ފަށައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ބަހުގެ ޚިދުމަތުން އަގު ނެގުމުގެ ހުއްދަ ސަރުކާރުން ދީފައިވުމާ ގުޅިގެން މިއަދުން ފެށިގެން ބަސް ދަތުރުތަކަށް އަގު ނަގަމުންދަނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކާޑް މެދުވެރިކޮށް ކަަމަށެވެ.

ދަތުރުވެރިން ބަސްތަކުގައި ބޭނުންކުރާ ކާޑަށް ހާއްސަ މެޝިންތައް ބަސް ޓަމިނަލްތަކުގަ އާއި ބަސްތަކުގެ އެތެރޭގައި ވެސް ބަހައްޓާފައިވާއިރު މި ކާޑަށް ބޭނުން އަދަދަކަށް ރީލޯޑް ކުރެވޭނެ ކަމަށްވެސް އެމްޕީއެލްއިން މައުލޫމާތުދެ އެވެ

ޓަޗްލިންކް ކާޑެއްގެ އަގަކީ 20 ރުފިޔާއެވެ.

އެމްޕީއެލްއިން ބުނީ ސްކޫލް ޔުނިފޯމް ލައިގެން ބަހުގައި ދަތުރުކުރާ ދަރިވަރުންގެ އިތުރުން ތުއްތު ކުދިންގެ އަތުން އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ. އަދި ބަހުގައި ދަތުރުކުރާ ފަރާތްތަކަށް ދަތި ނުވާނެހެން ކޮންމެ ދުވަހެއްގެ ފަތިހު 05:35 އިން ފަށައިގެން ކޮންމެ ފަސް މިނެޓަކުން ބަސް ދަތުރުތައް ކުރާނެ ކަމަށާއި މި ހިދުމަތް ދިނުމަށް ޖުމްލަ ނުވަ ބަސް ސްޓޮޕަކުން މީހުންނަށް އެރޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް އެމްފީއެލުން މައުލޫމާތުދެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މާލެއާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ބަސް ދަތުރުތަކުގެ ހިދުމަތް ފެށިއިރު، އެދުވަހުން ފެށިގެން ނިމިގެން ދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ބަސް ދަތުރުގެ ހިދުމަތް ދެމުން އައިސްފައިވަނީ އެއްވެސް އަގެއް ނުނަގަ އެވެ.