ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ބޭންކުގައި ރާއްޖޭގެ ތިން ސިޓީ ކައުންސިލްގެ ހިއްސާ ހިމަނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ
ގެސްޓްހައުސް ސިމްޕޯސިއަމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެސްއެމްއީ ބޭންކެއް ހުޅުވުމުގެ އަމަލީ މަސައްކަތަ ފަށާނެކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް ފުރުސަތު ދިނުމުގެ ގޮތުން، އެސްއެމްއީ ބޭންކުގައި މިވަގުތު އޮތް ތިން ސިޓީ ކަމުގައިވާ މާލެ ސިޓީ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ހިއްސާ އޮންނާނެ ގޮތް ހައްދަވާނެ ކަމަށެވެ
އެސްއެމްއީ ބޭންކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ހުޅުވަން ނިންމާފައިވަނީ ފައިނޭންޝިއަލް އިންސްޓިޓިއުޓެއް ކަމަށާއި އޭގެ ފަހުން އެސްއެމްއީ ފައިނޭޝިއަލް އެންޑް ޑިވެޕޮލްމެންޓްގެ ނަމުގައި ކުންފުންޏެއް އުފައްދާނެ ކަމަށެވެ
މީގެ އިތުރުން ރައީސް ވިދާޅުވީ ގެސްޓްހައުސްތައް ކުރިއަރަން ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޭނުންވާ މާލީ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުލިބުންކަމަށާއި އެސްއެމްއީ ބޭންކުން ގެސްޓްހައުސްތަކަށް ބޭނުންވާ ލޯނުގެ ހިދުމަތް ވެސް ފަސޭހަކަމާ އެކު ލިބިގެންދާނެ ކަމަށެވެ