English Edition
Dhivehi Edition

ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ، އަދި އަލަށް މިދާއިރާގައި މަސައްކަތް ފެށުމަށް ބޭނުންވާ އަންހެނުންނަށް ޚާއްޞަކޮށްގެން “ވުމެން ސްޓާރޓަރސް (އެވޭކަން ޔުއަރސެލްފް ޓު ބީ ދަ ބެސްޓް ސެލްފް) ” ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އައޑޫ ސްޓާރ އިން އިންތިޒާމްކޮށް އައްޑޫ ވިމެންސް އެސޯސިއެޝަނާއި ގުޅިގެން އަންހެން ބޭކަބަލުންނަށް ޚާއްސަ ކޮށްގެން ހިންގި 7 ދުވަހުގެ މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ 18 ޑިސެމްބަރ އިން 27 ޑިސެމްބަރ ގެ ނިޔަލަށެވެ.

މުޅިއެކު 18 އަންހެނުން ބައިވެރިވި މި ވޯކްޝޮޕް ފައްޓަވައި ދެއްވެވީ އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ރައީސާ ޑރ. މަރްޔަމް ޝަކީލާއެވެ. ކޯހުގައި ކްލާސްތައް ނަންގަވައި ދެއްވެވީ އައްޑޫ ސްޓާރގެ މެނޭޖިންގް ޑިރެކްޓަރ ޙައްވާ ޝަހީނާ މުހައްމަދެވެ.

ވޯކްޝޮޕާ ގުޅޭ ގޮތުން “އޭއޯނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ޝާހީނާ ވިދާޅުވީ ވާރކްޝޮޕްގެ ބައިވެރިންނަށް 1 އަހަރު ދުވަހުގެ މުއްދަތައް އައްޑޫ ސްޓާރ ގެ ފަރާތުން އެހީތެރިކަން ދެމުން ގެންދެވޭނެކަމަށެވެ. އެގޮތުން ބިޒްނަސް ޕްލޭން ފުރިހަމަކޮށް ނިންމައި، ވިޔަފާރިއެއް ފަށައިގެން ކުރިއަށް ދިއުމުގައި އެހީތެރިކަން ދެވޭނެކަމަށާއި އަދި އިތުރަށް ފައިނޭންސް ހޯދާނެ ގޮތުގެ އެހީތެރިކަން ދެވޭނެކަމަށް ޝަހީނާ ވިދާޅުވިއެވެ.

މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދީފައިވަނީ ދިރިއުޅުމެގެ މަޤްސަދު ދެނެގަތުން، ކުރިއަށް ދިއުމަށްޓަކައި އެމީހެއްގެ ވިޝަން، މިޝަން ކަނޑައެޅުމުގެ އިތުރުން ދިރިއުޅުމުގައި ދިމާވާ ހިތްދަތި ކަންތައްތަކާއި ކުރިމަތިލާ ޑިޕްރެޝަން އަށް ނުގޮސް އަމިއްލައަށް ކުރިއަށް ދާނެގޮތް ދެނެގަތުމެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް އިތުބާރު ކުރާނެ ގޮތާއި ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރެވިދާނެ ކަން ދެނެގަތުމާއި ދިރިއުޅުމަށް ލިބިފައިވާ ކުދި ކުދި ނިއުމަތްތަކަށް ޝުކުރުވެރިވެ އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނާނެގޮތާއި ކާމިޔާބުވުމަށްޓަކައި ލަނޑުދަނޑިތައް ކަނޑައަޅައި ލިޔެ އެ ހާސިލް ކުރާނެ ގޮތެވެ. ހަމަ މިއާއެކު ވިޔަފާރިއެއް ފެށުމަށްޓަކައި އެންމެ ރަނގަޅު ދާއިރާއަކީ ކޮބައިކަން ދެނެގަންނާނެ ގޮތާއި އެބައިވެރިއަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ބިޒްނަސް ޕްލޭން ތައްޔާރުކުރާނެ ގޮތް އަދި އަމަލީ ގޮތުން ތައްޔާރުކުރުމާއެކު ވިޔަފާރީގައި ރައްކާ ކުރުމާއި ހިސާބު ބެލެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށް ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓިފިކެޓް ބައްސަވައިދެއްވީ ސީޒާ ސެލޫންގެ ސީއީއޯ އަދި މޯލްޑިވްސް ވިމެންސް ޗެމްބަރ އޮފް ކޮމަރސްގެ ރައީސާ އަލްފާޟިލާ ޝީޒާ އިމާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝީޒާ ވިދާޅުވީ ކޮންމެ މީހަކީވެސް ވިޔަފާރިވެރިއަކަށް ވާން ބޭނުންވާ މީހެއްކަމަށާއި ހުރިހާ ދިމާލަކަށް ބެލިޔަސް ފެންނަނީ ބޮޑެތި ލޯން ނަގައިގެން ވިޔަފާރިތައް ފަށާ ދުވަސްކޮޅަކުން ބޭންކްރަޕްޓްވެ ލޯން ނުދެއްކިގެން އުޅޭ މަންޒަރު ކަމަށެވެ. އެހެން ކަމުން ބޮޑެތި ލޯނުތަކަށް ވިސްނުމުގެ ބަދަލުގައި އެމީހަކަށް ކުރެވޭ މިންވަރަކުން ކުޑަކޮށް ފަށައި މަޑުމަޑުން ކުރިއަށް ގެންދިއުމަށް ޝީޒާ ވަނީ ބައިވެރިންނަށް ނަސޭހަތްތެރިވެފައެވެ.

އަދި މިވޯކްޝޮޕަކީ ވަރަށް ބޭނުންތެރި ވޯރކްޝޮޕެއް ކަމަށާއި ބައިވެރިންނަށް މިވޯރކްޝޮޕް އިން ލިބިނު ހުނަރުތަކުގެ ބޭނުންކޮށްގެން ހިތްވަރާއިއެކު މަސައްކަތުގައި ކުރިއަށް ދިއުމަށް ނަސޭހަތްތެރިވަމުން ޝީޒާ ވިދާޅުވީ ޝަހީނާ އިސްނަގައިގެން މިކުރެއްވި މަސައްކަތަކީ މުޖުތަމައު ހަރުދަނާކޮށް ކާމިޔާބު ވިޔަފާރިވެރިންތަކެއް އުފެއްދުމަށް ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. އަދި މިފަދަ އިތުރު ޕްރޮގްރާމް ހިންގުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝީޒާ ވަނީ ވިދާޅުވެފައެވެ.