English Edition
Dhivehi Edition

1190 ރަށުގެ މައްޗަށް އެކުލެވިގެންވާ ދިވެހި ރާއްޖެއަށް ލިބިފައިވާ އެންމެ އަގުހުރި ރައުސުލްމާލަކީ ދޮންވެލި ތުނޑިތަކާއި މުރަކައިގެ ރީތި ފަރުތަކާއި ހިތްގައިމު ރީތި މާހައުލެވެ. މި ކުޑަކުޑަ ޖަޒީރާ ގައުމަށް ގުދުރަތީ ގޮތުން ލިބިފައިވާ ހިތްގައިމުކަން ދެމެހެއްޓުމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ޒިންމާއަކަށްވީ ހިދު ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން މި ހިތްގައިމުކަން ގެއްލިގެން ދެއެވެ.

މި ދުވަސްވަރަކީ އަހަރުގެ ބޮޑު ޗުއްޓީކަމުން ގިނަ ބަޔަކު ދަތުރު ދިއުމާއި ހިތްހަމަޖައްސާލުމަށް އަތިރިމަތީގެ ސަރަހައްދުތައް ބޭނުންކުރަމުންދާއިރު ބައެއް ފަރާތްތަކުންދަނީ ވެށީގެ ރީތިކަން ގެއްލޭފަދަ އަމަލުތައް ކުރަމުންނެވެ.މި ގޮތުން އައްޑޫ ސިޓީގެ ރީތި މާހައުލުތަކަށް މީހުން ގޮސް އުޅޭ އިރު އެތަންތަނަށް ކުނި އެޅުމުގެ ސަބަބުން އެތަންތަން ވަރަށް ބޮޑަށް ނުތާހިރުވެ އެތަނުގެ ރީތި ކަމުން ލިބޭ ހިތްހަމަޖެހުން ދަނީ ކުޑަވަމުންނެވެ. އައްޑޫގެ އެކި ދިމާއަށް ބަލާލުމުން ފެނިގެންދަނީ އެއްވެސް ހަމައެއް ލަމައެއް ނެތި އުކާލާފައިވާ ކުނިތަކެވެ.މިފަދަ ކުނި ކޮތަޅުތަކުން ދުވާ ނުބައި ވަހުން އެ ސަރަހައްދުތަކަށް ގޮސް އުޅުމަށްވަނީ ދަތިވެފައެވެ.ޕްލާސްޓިކު ފަދަ އެއްޗެހި ތަންތަނަށް އެޅުމުން އެތަންތަނުގައި އުޅޭ ސޫފާސޫއްޕަށާއި ގަސްގަހާ ގެއްސަށްވެސް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނައިރު މޫދުގައި އުޅޭ ދިރުންތަކަށްވެސް މިކަމުގެ ގެއްލުންތައް ދަނީ ފޯރަމުންނެވެ

މި ސިޓީގެ ގުދުރަތީ ރީތި ކަމުން ކޮންމެ މީހަކުވެސް ހިތްހަމަޖެހުން ހޯދަމުން އަންނައިރު މި ވެށި ރީތިކޮށް ސާފުތާހިރުކޮށް ބެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.ރައްކާތެރި ގޮތުގައި ކުނި ނައްތާނުލެވި ކޮންމެ މީހަކު ހިތަށް އެރި ތަނަކަށް ކުނި އުކާލުމަކީ ރަށުތެރޭގައި ބަލި މަޑުކަން ފެތުރުމަށް ހުޅުވިގެންދާ ދޮރެއްކަމުގައި ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހެއެވެ.ތިމާގެ ފަރުވާ ކުޑަކަމުުން އެހެން މީހުންނަށް އެކަމުގެ ގެއްލުންވުމަކީ ހަމަ ޔަގީނުންވެސް އެއްވެސް ދިވެއްސަކު ބޭނުންވާނެ ކަމައް ނޫންކަން ޔާގީނެވެ. އެހެން ކަމުން އަންނަން އޮތްޖީލުތަކައް ރައްކާތެރި ވެއްޓެއް ހޯދައިދީ، ރަށުގެ ވެއްޓަށް ވަމުންދާ ގެއްލުންތައް ހުއްޓުވާ، ރަށް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެނަށްވެސް އެކަމުން މަންފާ ލިބިގެންދާނެކަމެކެވެ

ތިމާ ދިރިއުޅޭ ވެށި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ދަތުރު ގޮސް އުޅޭ އިރު ގެންދާ އެއްެޗެހި އަތިރިމަތީގެ އެކި ސަރަހައްދުތަކަށް އުކާލުމުގެ ބަދަލުގައި އެތަކެތި ވަކިން އެއްޗަކަށް އަޅާ އެތަކެތި އުކާލަން ހަމަޖެހިފައިވާ ސަރަހައްދު(ކުނިކޮށްޓައް) އުކާލުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ‘ކުނިމެނޭޖްކުރުމާއި ބެހޭ ގަވައިދެއް’ ވަނީ ހެދިފައެވެ.މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބުނަނީ ކޮންމެ ރަށެއްގައިވެސް އުފެދޭ ކުނި އަޅަން ވާނީ އެކަމަށް ހާއްސަކޮށްފައި އޮންނަ އަދި ތަންފީޒީ އިދާރާ އިން ހުއްދަދީފައިވާ ތަންތަނަށް ކަމަށެވެ. އެހެންކަމުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް، ކުޅި އަދި ޗަސްބިން، ރަށްރަށުގެ ފަޅުތެރެ، ފަރު، ފަޅު، ފޮނޮޅު، ރަށްރަށުގެ އަތިރިމަތި، ރަށްރަށުގެ ހޭޅިފަށް، ބަނދަރު، ޕާކް އަދި މަގުމައްޗަށް ކުނި އެޅުމަކީ މަނާކަމެކެވެެ

މުޖްތަމައުގައި އުޅެމުންދާ މަދު ބައެއްގެ މިފަދަ ޢަމަލުތަކުގެ ސަބަބުން މުޅި މުޖުތަމަޢުގެ އެންމެނަށް ދަނީ އޭގެ އުނދަގޫ ކުރިމަތިވަމުންނެވެ. ގުދުރަތީ ރީތި މާހައުލުން ލިބިދޭ ހިތްހަމަޖެހުމާއި އުފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ކޮންމެ މީހަކުވެސް ވެށި ސާފުތާހިރުކޮށް ބެހެއްޓުމަށް މަސައްކަތްކުރަންޖެހެއެވެ. ތަހްޒީބުވެ ތަރައްޤީވަމުން އަންނަ ދުނިޔޭގައި ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް ޒިންމާދާރުކަން ކުޑަކޮށް ކުނިއުކާލުން ހުއްޓާލަންޖެހެއެވެ.