English Edition
Dhivehi Edition

ކުންޏަކީ ބަލާލަން ހުތުރު އެއްޗަކަށްވެފައި މާޙައުލު ތަޣައްޔަރު ވުމުގެ އިތުރަށް ސާފު ކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ އެއްޗެކެވެ.

ހަޑި މުޑުދާރު ކަމަކީ އެއްވެސް ބަޔަކު ބަލައި ގަންނާނޭ ކަމެއް ނޫނެވެ. އަމިއްލަ ސާފު ތާހިރު ކަމާއެކުއެކީހެން އުޅޭ ތަނާއި ވަށައިގެންވާ މާޙައުލު ސާފުކޮށްބޭއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެއެވެ. އުކާލެވޭ ކުނި ބުނީގެ ސަބަބުން މިނާޒުކު ވެށީގެ ދިރުންތަކަށާއި މާޙައުލަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވަމުންދާއިރު ކުނި ސާފު ކުރުމަށް ކުރަންޖެހޭ ހޭދަވެސް އެހާމެ ބޮޑެވެ.

ހާމަ ތަންތަނަށް އުކާލައިގެން ހިތުހުރި ގޮތަކަށް އުޅުމަށް ކުނިބުންޏަށް ދެވޭ ފަހި ފުރުސަތުގައި ،ވަޔާއި ވިއްސާރައިގައި މަގުގެކާނުތަކަށާއި ކޯޒްވޭ ތަކަށާއި މޫދާއި ކުޅި އަދި ޕާކް ފަދަ ތަންތަނަށް މިތަކެތި ޖަމާވެ ކުނިބުނީގެ ހާއްޔަކަށް ވެ ނިމިގެންދާ ކަމީ ހިތާމަ ހުރި ކަމެކެވެ.

“އެންމެ ގެއްލުންދޭ ކުނި”

ސިނގިރޭޓް ފިލްޓަރުތަކާއި ލުއިކާނާ ބަންދު ކޮށްފައި ހުންނަ ކޮތަޅުތަކާއި ދަޅުފުޅިފަދަ ތަކެއްޗަކީ އެންމެ ޢާއްމުކޮށް ފެންނަ ކުނިބުނީގެ ނުރައްކާ ބާވަތްތަކެވެ. މީގެ ތެރެއިންވެސް ސިނގިރޭޓްފިލްޓަރ އަކީ އެއްކޮށް ނެތިގެންދިއުމަށް 12 ވަރަކަށް އަހަރުގެ ރާސްތާއެއް ނަގާ އެއްޗަކަށްވެފައި މާޙައުލަށް ނުރައްކާތެރި، ގެއްލުންބޮޑު އެއްޗެކެވެ.

“ކުންޏަކީ ޖަމާޢަތުގެ މައްސަލައެއް”

ކުނިބުނިން އަޅުގަނޑުމެންގެ ވެށި ސަލާމަތްކުރުމުގެ ޒިއްމާ މިއަދު ބޮލުގައި އެޅިފައި އޮންނަނީ ސްކޫލް މަދަރުސާތަކާއި ކައުންސިލްތަކާއި ރަށުގައި އުފެދިފައިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެދުގައެވެ. އައްޑޫސިޓީއަށް ނަޒަރު ހިންގާލުމުންވެސް އެކި އެކި މުއައްސަސާތަކުން އެކި ނަންނަމުގައި ކުންޏާއިމެދު ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ މަންޒަރު ފެނެއެވެ. އެހެންނަމަވެސް މިކަމަށް އަދި ހަރުދަނާ އުޞޫލުތަކެއް މިވަނީ ކަނޑައަޅަން ޖެހިފައެވެ. ކުނިއެޅުން މަނާ ކުރެވޭފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ.

“ރީތި އައްޑޫސިޓީ ކުނިން ސާފުވެފައިވާ ވެއްޓަކަށް ހަދަމާ ހިންގަވާ!”

 

މާވަހި،ނަލަފެހި، ވެށިސާފު، މިހެންގޮސް ނަން ހުސްކޮށް ސިޓީގައި ހެދިފައިވާ އެންޖީއޯތަކާއި ޖަމާޢަތްތައް މިއަދު އަތާ އަތް ގުޅާލަން ވެއްޖެއެވެ. ސަރުކާރުގެ އިދާރާތަކާއެކު މުޅި ސިޓީގެ ހުރިހާ ރައްޔިތުން ގުޅިގެން ދެމެހެއްޓެނިވި ގޮތަކަށް ކުނީގެ ކަންތަކަށް ނިމުން ގެންނަމާ ހިންގަވާށެވެ. ވަރަށް ތުއްތު އިރުންފެށިގެން އަޅުގަނޑުމެންގެ ދަރީންގެ ކިބައިގައި ކުނިނޭޅުމުގެ އާދަ އަށަގަންނުވަންވީއެވެ. ބެލެނިވެރިންނާއި މުދައްރިސުންނާއި މައިންބަފައިންވެސް މިކަމުގައި އިސްރޯލެއް އަދާކުރަންވެއްޖެއެވެ.

“ކުނިއެޅުން ހުއްޓުވޭނެ ހަމައެކަނި މީހަކީ ތިއީ”

ފަރުދީ ވާޖިބު އަދާކުރައްވާށެވެ. ތިމާގެ ދެއަތުން ކުނީގެ ގޮތުގައި އެކަތިކޮޅުވެސް ނޭޅުމަށް ޢަޒުމް ކަނޑައަޅަމާ ހިންގަވާށެވެ. މިއީ އެންމެ ފަސޭހައިން މިކަމަށް އޮތް ޙައްލެވެ. އެހެނަސް މިކަމުގައި ފިސާރި ފަރުވާތެރި ވާންވާނެއެވެ. މިޢަޒުމުގައި ކުރިއަށް ދާން ފަށައިގަންނަ މީހެއްގެ ޙައިސިއްޔަތުން އެއްމެ ކުނިކޮޅެއްވެސް ތިމާގެ ކާރުން ބޭރަށް އުކާ ނުލާށެވެ. ގޭގައި އުފެދޭ ކުނި އަޅާ ކޮންޓެއިނަރ ، ދިރޭ އެއްވެސް އެއްޗަކަށް ނުވަދެވޭނެހެން މަތި ބަންދު ކުރާށެވެ. ޕާކު ނުވަތަ އެހެންވެސް އެފަދަ ކޮންމެ ތަނެއްގައި އުޅެފައި އަންނަ އިރުވެސް ބޭނުންކޮށްފައި އުކާލާ ކުނިބުނި، ހިފައިގެން ނޫނީ ނުނިކުންނާށެވެ. ތިއީ މިހާރުވެސް ސިނގިރޭޓް ބޯ މީހެއްނަމަ ތިމާވެއްޓަށް ދެވޭ އަނިޔާއިން މިންޖު ވުމަށްޓަކައި ސިނގިރޭޓްބުއިން ހުއްޓާލުން ކީއްތޯއެވެ. ދުއްވާފައި ނުވަތަ ހިނގާފައިދާ މަގުގެ ދެފަރާތަށް ކުނިޖަމާވެފައިވާ މަންޒަރު ފެނިއްޖެނަމަ ތިޔަ ފަރާތުގެ ހީވާގިކަން ދައްކާލައްވާ ރީތި ސާފުތަނަކަށް އެތަން ހަދާލަމާތޯއެވެ.

ކުނި ޖަމާވެފައިވާ ގޮނޑުތަކެއް އަޅުގަނޑުމެންގެ ވެށީގެ އެކި ދިމަދިމާލުގައި ހުންނާކަށް އެކަކުވެސް ނޭދޭނެއެވެ. ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ވެސް މިއީ ވެއްޓާމެދު އަޅާލާ ސާފުތާހިރުބައެއްކަން ދައްކައިދީގެން މިތަނާމެދު އެތައް ބަޔަކު ޝައުޤުވެރި ކުރުވިދާނެއެވެ. ފަރުދީ ޒިއްމާއަށް އަހުލުވެރިވަމާ ހިންގަވާށެވެ.