English Edition
Dhivehi Edition

މިހާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދުވާފަރު ކައުންސިލާއި، އުނގޫފާރު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.މި ކައުންސިލްތަކާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަކު ކުރައްވާފައި ވަނީ ވަކިވަކީންނެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްތަކުން ވަނީ އެކައުންސިލްތައް ހިމެނޭ ރަށްރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިޔަށް ރާއްވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.މި ދަތުރުފުޅަކީ ދުވާފަރުގައި ބާއްވަން ހަމަޖެހިފައިވާ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ކުޑަދޫ އައިލެންޑް ރިޒޯޓަށް ވަޑައިގެން އެރިޒޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައި، ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މާލެ އެނބުރި ވަޑައިގަންނަވާނީ މާދަމާގައެވެ.