English Edition
Dhivehi Edition

2018 ވަނަ އަހަރުގެ ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޒުވާން އުންމީދީ ތަރި އެމްބާޕޭ ހޯދައިފިއެވެ.

ފްރާންސް ލީގުގެ ޕީއެސްޖީއަށް ކުޅޭ އެމްބާޕޭ މިއެވޯޑް ލިބުމާއި އެކު އޭނާ ވެފައިވަނީ މިއެވޯޑް ހާސިލް ކުރި 61 ވަނަ ކުޅުންތެރިޔާއަށެވެ.

ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އޭނާއާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ސްޕެއިންގެ ރިއަލްމެޑްރިޑްއަށް ކުޅޭ ވަރާން އާއި 2016 ވަނަ އަހަރު މިއެވޯޑް ހާސިލްކުރި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްއަށް ކުޅޭ އެންޓީނޯ ގްރައިޒްމަންއެވެ.

ފްރާންސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ދޭ މި އެވޯޑްއަކީ ފްރާންސް މެޖަޒިން އެއް ކަމަށް ވާ”ފްރާންސް ފުޓްބޯޅަ”އިން 1959 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑް އެކެވެ.

އެންމެ ފުރަތަމަ މި އެވޯޑް ފްރާންސް ލީގުގައި ކުޅޭ ޓީމް ތަކުގެ ކުޅުންތެރިންނަށް ދެމުން އައި ނަމަވެސް 1996 ވަނަ އަހަރުން ފެށިގެން ވަނީ ދުނިޔޭގެ އެކި ލީގު ތަކުގައި ކުޅޭ ފްރާންސް ކުޅުންތެރިންނަށް މިއެވޯޑް ދޭން ފަށާފައިވާއެވެ.

ފްރާންސާއި ޕީއެސްޖީގެ ތަރި އެމްބާޕޭ އަކީ މިހާރު ހުރި އެންމެ އުއްމީދީ އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. މިހާރު އުމުރުން 20 އަހަރުގެ އެމްބާޕޭ ވަނީ މިދިޔަ ވޯލްޑްކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވެގެން ގޮސްފައި ވަނީ އެންމެ ޒުވާން އުމުރުގައި ވޯލްޑްކަޕް ކާމިޔާބު ކުރި ކުޅުންތެރިޔާ އަށެވެ. މިހާތަނަށް ފުރާވަރު އުމުރުގައި ވޯލްޑްކަޕް ކާމިޔާބު ކުރި ދެކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ވެސް އެމްބާޕޭ އެވެ. ދެން އެޝަރަފް ލިބިފައި ވަނީ ބްރެޒިލްގެ ތަރި ޕެލޭ އަށެވެ.

2016 ވަނަ އަހަރު މޮނާކޯ އިން ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށި އެމްބާޕޭ ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

 

ޓެގު