ކުޅިވަރުގައި ކޮންމެ ކުލަބް އަކުން ވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން ދަސްކުރަން ޖެހޭކަމަށް ސްޕެއިން އަދި ރިއަލްމެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.
ރާމޯސް މިމޭރުމުން ވާހަކަ ދައްކާފައިވަނީ ޔީއޭއީގައި ކުރިއަށް ދިޔަ ފީފާ ކުލަބް ވޯލްޑް ކަޕްގެ ފައިނަލްގައި އަލްއިން ގެ ސަޕޯޓަރުން އޭނާއާއި ދިމާކުރުމުންނެވެ.
އަލްއައިންގެ އަދި މުސްލިމް ގިނަ ފުޓްބޯޅައަށް ލޯބި ކުރާ މީހުން ރާމޯސްއަށް ބަހުގެ ހަމަލާތަށް ފޮނުވާލަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލްގެ މިސްރު ޕޯވާޑް މުޙައްމަދު ސަލާޙްއަށް ގައްސްތުގައި ފައުލް ކުރިކަމަށް ބުނެއެވެ.
މެޗަށް ފަހު ނޫސްވެރިން ނާއި ވާހަކަ ދައްކަމުން ރާމޯސް ބުނީ “ފުޓްބޯޅަ ކުޅޭއިރު ކޮންމެ ކުޅުންތެރިޔަކަށް ވެސް އަނިޔާ ވުމަކީ ވެދާނެ ކަމެއް.އެއްވެސް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔާއަށް ގަސްތުގައި ހަމަލާއެއް ނުދޭނެ.އަހަރުމެން މިއީ މެޗުގައި ކިތަންމެ ވާދެވެރިކޮށްފެނުނަސް ގާތް ރަޙްމަތެރިން”ސަލާޙްގެ އަނިޔާ އާއި ބެހޭގޮތުން ރާމޯސް ބުންޏެވެ.
ރާމޯސް ބުނީ ރޭގެ މެޗުގައި ސަޕޯޓަރުން ސަލާޙްގެ އަނިޔާއާއި މެދު ދެކެމުން ދިޔަ ގޮތާއި މެދު ހިތާމަ ކުރާކަމަށާއި އެއީ ގަސްތުގައި ކުރިކަމެއް ނޫންކަމަށެވެ.އެހެން ކަމުން ކޮންމެ ޓީމަކުން ވެސް އަނެއް ޓީމްގެ ކުޅުންތެރިންނަށް އިޙްތިރާމް ކުރުމަށް ނަސޭހަތެރިވާން ޖެހޭކަމަށް ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދެއްކި ރާމޯސް ބުންޏެވެ.
ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ޔޫއޭއީގެ އަލް އައިން އަތުން ރިއަލްމެޑްރިޑް މޮޅުވެފައިވަނީ 4-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިއީ ރެއާލުން ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މި ފަހަރުގެ ތަށްޓާ އެކު ރެއާލުން ވަނީ ބާސެލޯނާ ފަހަތައް ޖައްސާލުމަށް ފަހު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް ރެއާލުން ހަތަރު ފަހަރު ކާމިޔާބުކުރިއިރު ބާސެލޯނާ އިން ވަނީ ތިން ފަހަރު މި ތަށި އުފުލާލައިފަ އެވެ.