ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ރޭ އަލް އައިން ބަލިކޮށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މިމުބާރާތުގެ ތަށި ރިއަލްއިން ކާމިޔާބުކޮށްފިއެވެ.
ރޭ އައަލް އައިން 4-1 ލަނޑުން ބަލިކޮށް ރިއަލްއިން މި ހޯދި ކާމިޔާބިއާއި އެކު ހަތަރު ފަހަރު މުބާރާތުގެ ތަށި ހޯދައި ރިއަލް ވެފައިވަނީ މުބާރާތުގެ ތަށި އެންމެ ގިނައިން ހޯދި ޓީމަށެވެ. ރެއާލްގެ ފަހަތުން މުބާރާތުގައި ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމަކީ ތިން ފަހަރު ތަށި ހޯދައިފައިވާ ވާދަވެރި ބާސެލޯނާ އެވެ.
އަބޫދާބީގެ ޒައިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރެއާލްގެ ފަރާތުން މެޗު ފެށުނީއްސުރެ ގިނަ ހަމަލާތަކެއް އަލްއަންގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައިވާއިރު ރިއަލްއަށް މެޗުގެ ލީޑު ނަގައިދިނީ ފުރަތަމަ ހާފްގެ ކުރީ ކޮޅު މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމުގައި ހުރި ލޫކަ މޮޑްރިޗެވެ.
މޮޑްރިޗްގެ ގޯލަށް ފަހު ރިއަލްއިން މެޗުގައި ގިނަ ހަމަލާތަކެއް އަލްއައިންގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ވަނީ ގޯލަށް އަމާޒުވާ ގޮތް ނުވެފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފް 1-0 ލަނޑުން ނިމުނު އިރު ރިއަލްއިން ވަނީ ދެވަނަ ހާފްގެ 60 ވަނަ މިނެޓުގައި ޖެހީ މާކޮސް ލޮރެންތޭގެ ލަނޑުން މެޗުގެ ލީޑު ފުޅާކޮށްފައެވެ. އަދި އެ ޓީމްގެ ތިން ވަނަ ލަނޑު ކެޕްޓަން ސާޖިއޯ ރާމޮސް ކާމިޔާބުކޮށްދިންއިރު ރިއަލްގެ ހަތަރު ވަނަ ލަނޑަކީ އަލް އައިންގެ ކުޅުން ތެރިއްގެ އަތިން ބައިކޮޅަށް ވަން ގޯލެކެވެ. މިމެޗުގައި އަލް އައިންގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ސުކާސާ ޝިއޮންޓާނި އެވެ.
މުބާރާތުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ރިވާ ޕްލޭޓް ވަނީ އޭޝިއާގެ ޗެމްޕިއަން ކަޝިމާ އެންޓްލާސް 4-0 އިން ބަލިކޮށް މުބާރާތުގެ ތިންވަނަ މަގާމު ހޯދާފައެވެ. 2000 ވަނަ އަހަރު ކުޅެންފެށި ކްލަބް ވޯލްޑް ކަޕް މުބާރާތް މިހާތަނަށް ކާމިޔާބު ކޮށްފައިވަނީ ޔޫރަޕާއި ދެކުނު އެމެރިކާއިން މުބާރާތުގައި ކުޅެފައިވާ ޓީމުތަކުންނެވެ.
ޔޫރަޕް ނޫން ކްލަބަކުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2012 ވަނަ އަހަރު ޗެލްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ކޮރިންތިއަންސް އެވެ.