އެމްޑީޕީގެ ޕްރައިމަރީ އަށް 280 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ
މިއަދު އެ ޕާޓީން ބުނީ އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފ. ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް 259 ފިރިހެނުންނާއި 21 އަންހެނުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ވިލިމާލެ ދާއިރާއިން ނުވަ މީހަކު ކުރިމަތިލާފައިވާއިރު ނުވަ ދާއިރާއަކަށް އެންމެ މީހަކު ކުރިމަތިލާފައިވާތީ އެ ދާއިރާތަކުގެ ޕްރައިމަރީއެއް ނޯންނާނެ ކަމަށް އެމްޑީޕީއިންވަނީ ބުނެފައެވެ. އެންމެ މެމްބަރަކު ކުރިމަތިލާފައިވާ ދާއިރާތަކަކީ އެ ދާއިރާތަކަކީ؛ ހޯރަފުށީ ދާއިރާ، ބާރަށު ދާއިރާ، ދިއްދޫ ދާއިރާ، މިލަންދޫ ދާއިރާ، އަލިފުށީ ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލަކު އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާ އެވެ
އަންނަ މަހުގެ 18 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ހަތް ވަނަ ދުވަހުން ނަވާރަވަނަ ދުވަހާއި ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.