English Edition
Dhivehi Edition

ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމުގެ ބުރުގައި ވާދަކުރާ ޓީމްތަށް ބެލުމަށް އިއްޔެ ނެގި ގުރުގައި އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ބާރު ޗެލްސީ އާއި އާސެނަލަށް ހިންދަމާލެވޭނެ ވަރުގެ މެޗުތަކެއް ލައްވާލައިފި އެވެ.

ޔޫރޮޕާ ލީގުގެ 32 ޓީމުގެ ތެރޭގައި ހިމެނޭނީ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމް ތަކާއި ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖް ފަހަނަ އަޅައި ނުދެވި ގްރޫޕުން ތިން ވަނައަށް ދާ ޓީމުތަކެވެ.

2013 ވަނަ އަހަރު މިމުބާރާތުގެ ޗެމްޕިއަން ޗެލްސީން އާއި ސްވިޑެންގެ މަލްމޯ އާއި ވާދަކުރަންޖެހޭ އިރު އާސެނަލް ކުޅެނީ މިދިޔާ ސީޒަންގައި ވެސް މިމުބާރާތުގައި ފަސޭހަ ކަމާއި އެކު އެ ޓީމް ބަލިކުރި ބެލަރުސްގެ ބޭޓް ބޮރިސޮވް އާ ދެކޮޅަށެވެ.

އިއްޔެ ނެގިގުރުއަތު ދައްކާ ގޮތުން ވެލެންސިއާއި ސެލްޓިކް ބައްދަލުކުރަން ޖެހޭއިރު މިމުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމް ސްޕެއިންގެ ސެވިއްޔާ ނުކުންނާނީ އިޓަލީ ލާޒިއޯއާ ދެކޮޅަށެވެ.

ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 12-14 އަދި 20-21 ވަނަ ދުވަހު އެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމްއަކީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑެވެ.