English Edition
Dhivehi Edition

އިއްޔެ މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ 5 ވަނަބުރިން ވެއްޓުނު ސިމެންތި ބަސްތާއަކުންޖެހި 7 އަހަރުގެ އަންހެންކުއްޖަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ވަގުތީގޮތަކަށް މާލޭގައި އިމާރާތްކުރާ ހުރިހާ ތަނެއް ހުއްޓުވާފައެވެ.

މިއަދު ސިޓީ ކައުންސިލުގައި ބޭއްވި ބައްދަލުވުމެއްގައި މިވަނީ ގްރޭޓާ މާލެ ސަރަހައްދުގެ 473 ސައިޓުގެ މަސައްކަތްތައް އިންސްޕެކްޓް ކުރަން ނިންމައިފައިއެވެ. ސިޓީ ކައުންސިލް، ހައުސިން މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، އިންޖިނިއާސް އެސޯސިއޭޝަން، އާކިޓެކްޓް އެސޯސިއޭޝަން، މަސީ، އެޗްޑީސީ އަދި ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ބައިވެރިވި މިބައްދަލުވުމެއްގައި މާލޭ ސީޓީ މޭޔަރު ޝީފާ ވިދާޅުވީ މި ސައިޓުތަކަށް ޒިޔާރަތްކޮށް، މަސައްކަތް ކުރަމުންދަނީ ގަވައިދާ އެއްގޮތަށްތޯ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ސިޓީ ކައުންސިލްގެ އަމާޒަކީ ހަފްތާއެއްގެ ތެރޭ މާލޭގެ ހުރިހާ ސައިޓެއް ބަލާ ނިންމުން ކަމަށެވެ.އަދި ސައިޓްތައް އިންސްޕެކްޓް ކުރުމުގައި މަސައްކަތް ފެށި ނަމަވެސް ކޮސްޓްރަކްޝަން ދާއިރާގެ ހުރިހާ މީހުން އެ މީހުންގެ ސައިޓްތަކުގެ ގަވައިދުތަކާއި ރައްކާތެރިކަމަށް ބަލަން ޖެހޭ ކަމަށެވެ. އަދި މި އިންސްޕެކްޓް ކުރުމުގައި ފުލުހުންނާއި ސިފައިންގެ އެހީ ހޯދާނެ ކަމަށް ޝިފާ ފާހަގަ ކުރެއްވި އެވެ.