English Edition
Dhivehi Edition

މާލޭގައި އިމާރާތް ކުރަމުން ގެންދިޔަ އިމާރާތެ ފަސްވަނަ ފަންގި ފިލާއިން ވެއްޓުނު ސިމެންތި ބަސްތާއިން ޖެހި ޒަހަމްވި ކުޑަ ކުއްޖާގެ އާއިލާ ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅު ވެއްޖެއެވެ.

ނައިބް ރައީސް ކުރި ޓްވީޓް އެއްގައި ވިދާޅުވެފައިވަނީ މާލޭގައި އިމާރާތް ކުރަމުން ގެންދާ ތަނަކުން އިއްޔެ ހެނދުނު ވެއްޓުނު ސިމެންތި ބަސްތާއިން ޖެހި އަނިޔާވި ކުއްޖާގެ އާއިލާއާ ބައްދަލު ކުރައްވާފައިވާކަމަށާއި އެމީހުންނަށް ވަނީ ކުއްލި ޝޮކެއް ލިބިފައި ކަމަށެވެ.

ނައިބް ރާއިސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ “ޢާއިލާއަށް ވަނީ ކުއްލި ޝޮކެއް ލިބިފައި. އެމީހުން ތިބީ ވަރަށް ވޭނުގަ.” ކަމަށެވެ.

ނައިބް ރައީސް ވަނީ މިއަދުގެ ހާދިސާ ތަހުގީގު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކޮންސްޓްރަކްޝަން ސައިޓްތަކައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް މިއަދު ކުރި ޓްވީޓްގައި ނައިބު ރައީސް ވިދާޅުވިއެވެ.

ޑަބަލިއު ކޮންސްޓްރަލްޝަނުން އިމާރާތް ކުރަމުން ގެންދިޔަ މ .ނަލަހިޔާ މަންޒިލުން ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރަމުންގެންދާ ބަންގްލަދޭޝްގެ އަންހެން ޑޮކްޓަރެއްގެ ދަރިއަކަށެވެ.

އުމުރުން 7 އަހަރުގެ މިއަންހެން ކުއްޖާ މާލެ އައިސް އުޅެނީ އާއިލާއާއިއެކު ޗުއްޓީއަށް ކަމަށް މައުލޫމާތު ލިބެއެވެ. އެކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާއިރު މިހާރު ވަނީ އޮޕަރޭޝަނެއްކޮށް އައިސީޔޫގައި ފަރުވާންދޭން ފަށާފައެވެ.