English Edition
Dhivehi Edition

ކުރީގެ ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާ އަށް ހާޟިރު ކުރީ އެއްވެސް ކަމެއްގައި ތުހުމަތު ކޮށްގެން ނޫންކަމަށާއި ހާޟިރު ކުރީ މައުލޫމާތު ސާފު ކުރުމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ނިކުމެ މީޑިއާ އާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާ ފުލުހުން ސުވާލު ކުރެއްވީ ދެ ކަމަކާގުޅިގެން ކަމަށެވެ. “އަޅުގަނޑާ ސުވާލު ކުރެއްވީ އަޅުގަނޑުގެ އެކައުންޓަށް ވަތް ފައިސާތަކަކާ ބެހޭ ގޮތުން. އޭގެ ތެރެއިން އެއް މައްސަލައަކީ އަޅުގަނޑުގެ އިންތިހާބުގެ އެކައުންޓަކަށް ވަތް ފައިސާ މައްސަލައިގައި. އަނެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޗެކެއްގެ މައްސަލަ.” ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ކެމްޕޭން ކުރެއްވީ އެމަނިކުފާން އެކަނިކަމަށް ނުވާއިރު ހަމައެކަނި އެމަނިކުފާނާ ސުވާލު ކުރެއްވި ސަބަބެއް ނޭންގޭ ކަމަށެވެ. “ކެމްޕޭން ކުރެއްވީ އަޅުގަނޑު އެކަންޏެއްނޫން، އެހެންވީމާ އަނެއް ކެންޑިޑޭޓާވެސް ސުވާލު ކުރައްވަންވާނެ” ރައީސް ޔާމިން ވިދާޅުވިއެވެ.

“މިއީ ސިޔާސީ މައްސަަލައެއް އެކަމަކު އަޅުގަނޑު މިމައްސަލަ ތަކަށް އެއްބާރުލުން ދޭނަން، ކެމްޕޭން އެކައުންޓަކީ 400 މިލިއަނާ ހަމައަށް ޖަމާކުރެވޭނެ އެކައުންޓްތަކެއް، ތިޔަބޭފުޅުން ވިސްނާ ލައްވާ ކިހިނެއްތޯ ރިޔާސީ އިންތިހާބެއް 20 މިލިއަން ރުފިޔާއިން ނިންމާ ލެވޭނީ. އެކަމަކު އަޅުގަނޑަށް ހީވަނީ އެ އެކައުންޓްގައި ހުންނާނީ ވިހި މިލިޔަން ރުފިޔާހެން” ޔާމީން އިތުރަށް ވިދާޅުވިއެވެ.

މީޑިއާ އަށް ދެއްވި އިންޓަވިއު ނިންމާ ލަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދައުލަތުގެ ފައިސާއެއް ބޭނުމެއް ނުކުރައްވާ ކަމަށާއި އެކަން އެއީ ކުރެވޭނެ ކަމެއްވެސް ނޫންކަމަށެވެ. ސަރުކާރުގެ ހަޒާނާއިން އެއްވެސް ފައިސާއެއް ބެނުން ކޮށްފައި ވާނަމަ އެކަން ފެންނަން ހުންނާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.