English Edition
Dhivehi Edition
ވިންޓަރ ކޭމްޕްގައި ބައިވެރިވާ ފޭދޫ ސްކޫލުގެ ދަރިވަރުން ޗައިނާ އެމްބެސެޑަރ އާއެކު

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނު (ސީއެމްސީއޭ) ގެ 2018 ވަނަ އަހަރުގެ ވިންޓަރ ކޭމްޕްގައި ޗައިނާއަށް ދާ ޑެލިގޭޝަނުގައި އައްޑޫސިޓީ ފޭދޫ ސްކޫލުގެ 4 ދަރިވަރުން ހިމަނައިފިއެވެ. ޗައިނާގެ ބެއިޖިން އަދި ސިއާނަށް ދާ މި ޑެލިގޭޝަން މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.

ޑެލިގޭޝަނުގައި ބައިވަރިވާ ދަރިވަރުން ހޮވާފައިވަނީ ކަނޑައެޅޭ މައުޟޫއަކަށް މަޒުމޫނު ލިޔުމުގެ މުބާރާތެއް ބޭއްވުމަށް ފަހު އެންމެ މަތީ މާކުސް ލިބުނު ދަރިވަރުންނެވެ. މި ދަރިވަރުންގެ މަޒުމޫނުތައް މާކުކުރީ ސީއެމްސީއޭއިންނެވެ.

ޗައިނާއަށް ދިއުމަށް ހޮވިފައިވާ ފޭދޫ ސްކޫލްގެ ދަރިވަރުންނަކީ އައިޝަތު އަނާ ރަޝީދު، އަލީ އަލްޔަން އަސްވަން، ފާތިމަތު ޒަނާން ނަޒީޙް އަދި ފާހިމް ފަހީމް އަލީ އެވެ.

ސީއެމްސީއޭއިން ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުން ހޮވާލެވޭ ސާނަވީ އުމުރުގެ ދަރިވަރުންގެ ޓީމުގައި މިފަހަރު ހިމެނެނީ އައްޑޫސިޓީ، ތިނަދޫ އަދި ކުޅުދުއްފުށީގެ ދަރިވަރުންނެވެ. އައްޑޫސިޓީން މިފަހަރު މި ފުރުސަތު ދީފައިވަނީ ފޭދޫ ސްކޫލަށެވެ. މީގެ ކުރިން އައްޑޫ ހައިސްކޫލުގެ ދަރިވަރުންނަށް ވެސް ވަނީ ސީއެމްސީއޭއިން މި ފަދަ ވިންޓަރ ކޭމްޕަކުން ފުރުސަތު ދީފައެވެ. އެ ދަތުރުގައި ހައިސްކޫލުގެ 5 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

ފޭދޫ ސްކޫލުގެ ދަރިވަރުންގެ އިތުރުން އޭއޯނިއުސް ގެ 4 ވަނަ މަދަހަ މުބާރާތުން 1 ވަނަ ލިބުނު ހިތަދޫ ސްކޫލުގެ ދަރިވަރު ފާތިމަތު ނައުޝާ ނިސްތާރުވެސް މި ދަތުރުގައި ބައިވެރިވެއެވެ. މިއީ ސީއެމްސީއޭގެ ފަރާތުން މުބާރާތަށް ދެއްވި ސްޕޮންސަރ ފުރުސަތެކެވެ.

ސީއެމްސީއޭއިން އައްޑޫސިޓީގެ ގިނަ ދަރިވަރުންތަކަކަށް މިފަދަ ފުރުސަތުތައް ހޯއްދަވައިދެއްވަވާއިރު އެ އެސޯސިއޭޝަނުގެ ސްކޮލަރޝިޕްގައި މިހާރުވެސް އައްޑޫގެ 4 ދަރިވަރަކު ޗައިނާގައި މަތީ ތައުލީމު ހާސިލް ކުރަމުންދެއެވެ. މީގެ އިތުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ބެއިޖިންގައި ބޭއްވި ޔޫތު ކޭމްޕެއްގައި އައްޑޫއިން 2 ބައިވެރިން ވަނީ ޗައިނާއަށް ފޮނުވާފައެވެ.

ސީއެމްސީއޭއިން ކުރިއަށް ގެންދާ ޕްރޮގްރާމު ތަކުގެ ތެރެއިން ތައިޗީ ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް މިހާރުވެސް އައްޑޫސިޓީއަށް 2 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.