English Edition
Dhivehi Edition

އެވަޓަން އަތުން ފަހު ވަގުތު ލިވަޕޫލް މޮޅުވި މެޗުގައި، އުފާފާޅުކުރުމަށް ދަނޑަށް އެރުމުން އެކަމަށް މާފަށް އެދޭ ކަމަށާއި، އެއީ ކުށެއް ކަމަށް ގަބޫލުކުރާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އެވަޓަންއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު ޑާބީ މެޗު، ލިވަޕޫލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލިވަޕޫލްއިން ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި އެޓީމުގެ ފޯވާޑް ޑިވޮކް އޮރީގީ އެވެ. އެ ގޯލް ޖެހުމާއެކު ލިވަޕޫލްގެ ކޯޗު ކްލޮޕް ވަނީ ދަނޑަށް އަރާ އެޓީމުގެ ގޯލްކީޕަރު އެލިސަން ބެކާގައި ބައްދާ އުފާފާޅު ކޮށްފައެވެ.

އެ މައްސަލަ އިނގިރޭސި އެފްއޭއިން ބެލުމަށްފަހު ވަނީ ކްލޮޕް 8،000 ޕައުންޑުން ޖޫރިމަނާކޮށް އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަންގާފައެވެ.

އެވަޓަން މެޗަށް ފަހުވެސް އެކަމަށް މާފަށް އެދުނު ކްލޮޕް ބުނީ އެއީ ކުށެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށާއި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެވަޓަން މެޗަށް ފަހު ކްލޮޕް ވަނީ އޭނާއަށް ކުރެވުނު ކަންތަކާއި މެދު އެވަޓަންގެ ކޯޗު މާކޯސް ސިލްވާ ކިބައިން މާފަށް އެދިފައެވެ. މާކޯސް ސިލްވާ ބުނީ ކްލޮޕް ކުރީ ޖޫރިމަނާ ކުރަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި، އޭނާއަށް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.