English Edition
Dhivehi Edition

ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސް ކުރީ ވެރިކަން ކުރާ ކޯލިޝަން އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމާއި އެމްޑީއޭ މެމްބަރުންގެ އިއްތިފާގުންނެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީން އެގޮތަށް ފާސް ކުރީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގާއި ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާނާއި ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީގެ ވޯޓާ ވެސް އެކުގަ އެވެ. އެއީ، ކޮމަންވެލްތުން ވަކިވުމަށް ފެންނަ ކަމަށް މީގެ ދެ އަހަރު ކުރިން، 2016 ވަނަ އަހަރު މަޖިލީހުގެ ތަޅުމުގައި ވޯޓު ވެސް ދެއްވި މެމްބަރުންނެވެ.

ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުމަށް ކެބިނެޓުން ނިންމީ މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ. ކެބިނެޓުން އެގޮތަށް ނިންމިޔަސް، ކޮމަންވެލްތުގައި ރާއްޖެ އަށް ބައިވެރިވެވޭނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ. އަދި އެކަމަށް ވޯޓަށް އެހުމަށް ބުދަ ދުވަހުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ވަނީ ކަނޑައަޅާފައެވެ.

ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި އެ ޖަމާއަތުން ވަކިވީ 13 އޮކްޓޫބަރު 2016 ގައެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިމަކްރަސީއާ އެއްގޮތަށް ކަންކަން ހިންގުމަށް ބާރުއަޅައި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ކޮމަންވެލްތުން ބާރުއަޅަން ފެށުމުންނެވެ