English Edition
Dhivehi Edition
ކޮމަންވެލްތު ޔޫތު ކައުންސިލުގެ ލޯގޯ އިން ޕޯސްޓަރެއް - ފޮޓޯ: ޔޫތު އޮޕޯޗުނިޓީސް

ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮމަންވެލްތުގެ ހުރިހާ ޤައުމެއް ހިމެނޭގޮތަށް އެކުލަވާލެވޭ ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

ޔޫތު ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ދާއިރާތަކަކީ:

  • ޗެއަރޕާސަން
  • ވައިސް – ޗެއަރޕާސަން (އިންކްލޫޝަން އެންޑް އެންގޭޖްމަންޓް)
  • ވައިސް – ޗެއަރޕާސަން (ޕާޓްނާޝިޕްސް އެންޑް ރިސޯސަސް)
  • ވައިސް – ޗެއަރޕާސަން (ޕޮލިސީ އެންޑް އެޑްވޮކެސީ)
  • ރީޖަނަލް ރެޕްރެޒެންޓޭޓިވް (އެފްރިކާ އެންޑް ޔޫރަޕް)
  • ރީޖަނަލް ރެޕްރެޒެންޓޭޓިވް (އޭޝިއާ)
  • ރީޖަނަލް ރެޕްރެޒެންޓޭޓިވް (ކެރީބިއަން އެންޑް އެމެރިކާސް)
  • ރީޖަނަލް ރެޕްރެޒެންޓޭޓިވް (ޕެސިފިކް)
  • ރެޕްރެޒެންޓޭޓިވް – ސްޕެޝަލް އިންޓްރެސްޓް ގްރޫޕްސް (އެނީ ރީޖަން)

އެ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްގައި މަދުވެގެން ތިން އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޤައުމީ ޒުވާނުންގެ ޤައުމީ މަޖިލީހުގައި މަދުވެގެން ތިން އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 15 އަހަރާއި 27 އަހަރާދެމެދުގެ ފަރާތަކަށްވުން ހިމެނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އައިޑީ ކާޑު ކޮޕީ، ސީ.ވީ އަދި ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީތައް 10 މާރިޗު 2020ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މާފަންނު އިޖުތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ) އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ އީމެއިލް ފޮނުވާނީ [email protected] އަށެވެ.

ކޮމަންވެލްތު ޔޫތު ކައުންސިލަށް ހޮވޭ ފަރާތްތަކުން 2020 ޖޫން 20ން 23އަށް ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކޮމަންވެލްތު ޔޫތު ފޯރަމް (ސީ.ވައި.ސީ)ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި ކޮމަންވެލްތު ޔޫތު ކައުންސިލްގެ އިންތިހާބުވެސް އެ ފޯރަމްގައި ކުރިއަށްދާނެ ކަމަށް ޔޫތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.