English Edition
Dhivehi Edition

ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އެގްޒާމް (އެސްއެސްސީ) އިމްތިހާނުގެ ދިވެހި އަދި އިސްލާމް މާއްދާގެ ކަރުދާސް މާކް ކުރުމުން ދޭންޖެހޭ އުޖޫރަ ބޮޑު ނުކުރުމުން ، މާކަރުން ޕޭޕަރު މާކުކުރުން ހުއްޓާލައިފިއެވެ.

މާކަރުން މިގޮތަށް ކަންތައްކޮށްފައިވަނީ މިއަހަރު ޕޭޕަރ މާކު ކުރުމުގެ އުޖޫރަ ބޮޑުކޮށްދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރިން ބުނެފައި ވީ ނަމަވެސް އިއްޔެ އެއްބަސް ވުން ގާއިމު ކުރިއިރު އުޖޫރައަށް ބަދަލު ގެނެސްފައިނުވާތީއެވެ.

އެސްއެސްސީ އިމްތިހާނުގެ ކަރުދާސް މާކް ކުރާ މީހުންނަށް އުޖޫރަ މިހާރު ދެނީ މާކް ކުރާ ކޮންމެ ކަރުދާހަކަށް 40ރ. ގެ ރޭޓުންނެވެ. ނަމަވެސް، މާކަރުން އެދެނީ އެ އަދަދު 60ރ. އަށް ބޮޑުކޮށްދިނުމަށެވެ.

ޕޭޕަރުތައް މާކް ކޮށްގެން ޓީޗަރަކަށް ގާތްގަނޑަކަށް 10،000ރ. ރުފިޔާ ލިބޭއިރު އެއީ އަތޮޅުތެރެއިން އަންނަ ޓީޗަރުންނަށް އެކަށޭނެ އަގެއް ނޫން ކަމަށް ޓީޗަރުން ބުނެ އެވެ.

މާކް ކުރުމުގެ މަސައްކަތަށް ކުރިން 200 އެއްހާ ޓީޗަރުން ކުރިމަތިލާއިރު، މި އަހަރު އެކަމަށް ހުށަހެޅީ މަދު ޓީޗަރުން ކަމަށާއި އޭގެ ތެރޭގައި ވެސް ގިނައީ އަލަށް އެކަމަށް ކުރިމަތިލި މީހުން ކަމަށް ޓީޗަރުން ބުނެ އެވެ.