ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ކޯލިޝަންގެ ގުޅުމަކީ މުހިންމު ގުޅުމެއްކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހުންނަވާނީ، އެމަނިކުފާނު ރައްޔިތުންނަށް ވައުދުވީގޮތުގެ މަތިންކަމަށެވެ. އެކަން ރައްޔިތުންނަށް މޭރުންވެ ވޯޓް ދިން ގޮތުގެ މަތިން ކޯލިޝަން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދެވުމުގައިކަމަށް އުންމީދުކުރައްވާކަމަށެވެ.
ކޯލިޝަންގެ އެއްބަސްވުމާއި އެއްގޮތަށް ސަރުކާރުގައި ބައިވެރިވާ ޕާޓީތަކަށް މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމާއިމެދު އެއްބަސްވުމަކަށް ނާދެވި ޚިޔާލް ތަފާތުވުންތައް ބޮޑުވެފައިވަނިކޮށް އަމީން ކުރެއްވެވި ޓުވީޓާއެކު، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އިއްތިހާދާއެކު ވެރިކަން ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވާ ވާހަކަފުޅެއްގެ ވީޑިއޯއެއްވެސް ހިއްސާކުރައްވާފައެވެ. . .
އެ ވީޑިއޯގައި އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައިކަމަށާ ވެރިކަމަށް ވަޑައިގަންނަވަނީ ހަތަރު ޕާޓީއަށް އެއްބަސްވެވޭ ކަންތައްތަކަކާއެކުކަމަށެވެ. އަދި ކުރިމަތީގައި ވަނީ ގާނޫނު އަސާސީއެއްކަމަށް ވިދާޅުވެ ރައީސް ސޯލިހް ވަނީ، އެއާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.