English Edition
Dhivehi Edition

މިއީ އިންތިޚާބު މޫސުމެވެ. އެއް އިންތިޚާބަކަށް ފަހު އަނެއް އިންތިޚާބެކެވެ. ރިޔާސީ އިންތިޚާބުގެ ފޯރި އަދި ނުނިމެނީސް ފެންނަން ފެށީ 19 ވަނަ މަޖިލިސް އިންތިޚާބަށް ތައްޔާރުވާން ފެށިތަނެވެ. ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެވޭތޯ ކެންޑިޑޭޓުން ރެއާއި ދުވާލު ހޭބޯނާރާ މަސައްކަތް ކުރަނީއެވެ. ޕާޓީއަށް މެމްބަރުން ވެއްދުމާއި އާ މެމްބަރުންގެ ފޯމް ފުރައި ސަޕޯޓަރުން ގިނަ ކުރަނީއެވެ. ދުވަހަކު ރަށުން ނުފެންނަ މޫނުތައް ވެސް ރަށުގައި ގިނަވެ މީހުންނާ ސަލާމްކޮށް ހާލުއަހުވާލު ބަލައި ހިނިތުންވެ ތިބެ ރަށުގެ ތަރައްގީއާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަނީއެވެ. މަޖިލިހުގައި މީގެ ކުރިން ވެސް ގޮނޑި ފުރުއްވަވަމުން ގެންދެވި “ރަށުން ނުފެންނަ” މެމްބަރުންނަށް ވެސް މިހާރު ދިރިއުޅުއްވެވެނީ ރަށުގައެވެ. ރައްޔިތުންގެ ޙާލު ބެލުމުގައެވެ. ހަމަ އެއާއެކު އައްޑޫ ތަރައްގީގެ ދުވެލީގައި ފަހަތަށް ސޮއްސާލާފައިވާ މިންވަރު ވަޒަން ކުރުމުގައެވެ. އައްޑޫގެ ކޮންމެ ދާއިރާއަކުން އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރާ މެމްބަރުން ގިނައެވެ.

ކޯލިޝަނަކުން އުފެދުނު މި ސަރުކާރުގައި ތަފާތު އެކިއެކި ސިޔާސީ ޕާޓީތައް އެބަ ތިއްބެވެ. ސިޔާސީ ފިކުރު މުޅިން ތަފާތު މީހުން އެބަތިއްބެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހެއްގެ ދާއިރާއެއްގެ ކެންޑިޑޭޓަކަށް އެމީހަކު ތާއީދު ކުރާ ޕާޓީއަކުން މީހަކު ނެރެ މަޖިލިހުގެ ތަޅުމުގައި އެމީހުންނަށް ވަކާލާތު ކޮށް ދިނުމެވެ. ނަމަވެސް އަދި ހަމަ މި ފެންނަނީ ކޯލިޝަނުގެ އެހެން މެމްބަރުން ހަނު ތިއްބެވި މަންޒަރެވެ. އައްޑޫގެ ހުރިހާ ގޮނޑިތަކަކަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެންޑިޑޭޓުން ހޭބޯނާރާ މަސައްކަތް ކުރަނީއެވެ. ސުވާލަކީ ކޯލިޝަން ސަރުކާރުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ދޭން ކޯލިޝަނުން ހަމަ ތައްޔާރުބާވައެވެ؟

އިންތިޚާބީ ރައީސް ގެ ހުވައިކުރެއްވުން މިމަހުގެ 17 ވަނަ ދުވަހު ބާއްވަވާއިރު އަދި ކެބިނެޓް އިއުލާން ނުކުރައްވަވައެވެ. ކޯލިޝަނަކުން އިންތިޚާބުވި ރައީސް އިބްރާހިމް ސާލިޙް ގެ ކެބިނެޓް މި ވަނީ ކޯލިޝަން ހަތަރު ޕާޓީގެ މެދުގައި ބަހާލާފަ އެވެ. އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދޭން ނިންމާފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދެނީ 25 ޕަސެންޓެވެ. ކެބިނެޓްގެ 20 ޕަސެންޓް ރައީސް މައުމޫންއަށް އޮތްއިރު އަދާލަތު ޕާޓީއަށް އޮތީ 15 ޕަސެންޓެވެ.

ކެބިނެޓް މި ގޮތަށް އޮތް އިރު މަޖިލިސް ގޮނޑިތައް ބަހާލާނެ ގޮތަކާ މެދު ސުވާލު އުފެދެއެވެ. އެމްޑީޕީން ހުރިހާ ގޮނޑިތަކެއް ހޯދުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެހެންކަމަށް ވާނަމަ ކެބިނެޓަށް ގޮނޑިތައް ބަހާލި ގޮތަށް މަޖިލިސް ގޮނޑިވެސް ނުބެހެންވީ ސަބަބެއް ނެތެވެ. މިގޮތަށް ބަހާލާނަމަ ގޮނޑިތައް ބަހާލެވޭނެ ގޮތަކީ ކޮބައިކަން އަވަހަށް އެނގެން އެބަ ޖެހެއެވެ.

ޖުމުހޫރީ ޕާޓީއިން ހިތަދޫގެ ދާއިރާއަކަށް ކުރިމަތިލާނެ ކަމަށް އެ ޕާޓީގެ އޮފިޝަލަކު ވަނީ “އޭއޯ ނިއުސް” އަށް ކަށަވަރުކޮށް ދެއްވަވާފައެވެ. ނަމަވެސް އެއީ ކޮން ދާއިރާއެއް ކަމަށް އޮފިޝަލު ހާމައެއް ނުކުރައްވަވައެވެ.

ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އަދާލަތުޕާޓީގެ އޮފީހަށް ކުރެއްވެވި ޒިޔާރަތުގައި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގުޅިފައިވާ ޕާޓީތަކަށް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެ ގޮތަކަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުންތައް އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށް މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ. އެގޮތުން ޕާޓީތަކުގެ މެދުގައި އެމަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށާއި މަޝްވަރާތައް ނިމި މިކަމަށް ވީހާވެސް އަވަހަށް ގޮތެއް ނިމުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް އެދުވަހު ނަޝީދު ވަނީ ވިދާޅުވެފައެވެ. ސަބަބަކީ އެމްޑީޕީގެ ގަވާއިދުތައް ހުރިގޮތުން އިންތިޚާބުގައި ޕްރައިމަރީއެއް ބާއްވަންޖެހޭކަމަށާއި ޕްރައިމަރީއެއް ނުބާއްވާ އެއްވެސް ބޭފުޅަކަށް ޓިކެޓު ދެވޭކަށް ނޯންނާނެތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމަށްވާނަމަ އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ޖެހޭނީ އެމްޑީޕީއަށް ގޮނޑި ލިބޭ ދާއިރާތަކަކުން ކަމަށް ވުމީ މުހިއްމު ކަމެކެވެ. ޔަގީނާ ގާތަށް އެނގޭ ކަމަކީ އައްޑޫސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ދޭން ކޯލިޝަނުން ބޭނުން ނުވާނެކަމެވެ. ކޯލިޝަނަށް ވެސް ބައެއް ލިބެން ޖެހޭ ކަމެވެ. އެހެން ނަމަވެސް އަދި ކޯލިޝަނުގެ އެހެން ޕާޓީތަކުން ވަކި އެއްޗެއް ނުބުނަނީސް އެމްޑީޕީގެ ޕްރައިމަރީއަށް އައްޑޫގެ ހުރިހާ ދާއިރާތަކަކުން މެމްބަރުން ގިނަ މަސައްކަތް ތަކެއް ދަނީ ކުރަމުންނެވެ.

ގުޅިފައިވާ ޕާޓީ ތަކުން ބުނެފައިވަނީ މަޖިލިސް އިންތިހާބުގައި ދާއިރާތަކަށް ޓިކެޓް ދޭނެ ގޮތް ނިންމާނީ އެދާއިރާއެއް ލިބޭ ޕާޓީއަކުން ކަމަށެވެ. އެހެންކަމަށް ވާނަމަ އަވަހަށް އެއީ ކޮން ދާއިރާތަކެއްކަން އިއުލާނު ކުރުން މުހިއްމެވެ. ސަބަބަކީ ކެމްޕެއިން ކުރުމާއި ޕްރައިމަރީ ބޭއްވުމާއި މިހުރިހާ ކަމަކަށް މާ ގިނަ ދުވަސް ތަކެއް ނެތް ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ.