24 ގަޑި އިރުވަންދެން ވިޔަފާރިކުރާތަންތަން ,ސައިހޮޓާ، ރެސްޓޯރަންޓް ހުޅުވާފައި ބެހެއްޓުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއިން ހުޅުވާލައިފިއެވެ. މިއަދު އިކޮނޮމިކް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދާއި ސައިހޮޓާ އަދި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނު ހިންގުމުގެ ގަވާއިދުގެ ދަށުން، 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި، އެމިނިސްޓްރީން އެކުލަވާލާފައިވާ “24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުސޫލު” ޢާންމުންގެ ޚިޔާލަށް ހުޅުވާލައިފި ކަމަށެވެ.
އަދި މިކަމާއި ގުޅޭގޮތުން އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާ ފަރާތެއް ވާނަމަ 29 ނޮވެމްބަރ 2018 ގެ މެންދުރު 2:00 ގެ ކުރިން އެ މިނިސްޓްރީ އަށް މެއިލް ކުރުމަށް އެދޭކަމަށާއި، ލިޔުމުން ހިޔާލު ހުށަހަޅާ ކަމަށްވާނަމަ އެ މިނިސްޓްރީގެ ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަނަށް އެޑްރެސް ކުރުމަށް އެއިއުލާނުގައި ވަނީ އެދިފަ އެވެ.
24 ގަޑި އިރު ވިޔާފާރިތަށް ހުޅުވާފައި ބެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.