English Edition
Dhivehi Edition

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސިފައިންނާ ބައްދަލު ކުރައްވައިފިއެވެ.

އެމްއެންޑީއެފްގެ ވެބްސައިޓްގައި ބުނެފައިވާގޮތުން، ޑިފެންސް މިނިސްޓަރ ސިފައިންނާ ބައްދަލުކުރައްވާފައި ވަނީ ކަޅުތުއްކަލާކޮށީގެ ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ އެކަމަނާ ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދިވެހި ސިފައިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މި ޖަލްސާގައި ޑިފެންސް މިނިސްޓަރގެ ޒިންމާގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ޤާނޫނޫ އަސާސީއިން ސިފައިންނާ މަތިކޮށްފައިވާ އެންމެހާ ކަންކަން ޤާނޫނީ ހަމަތަކުގެ މަތިން ހިނގާނުހިނގާގޮތް ބެއްލެވުމަކީ ޑިފެންސް މިނިސްޓަރުގެ އެންމެ ބޮޑު ޒިންމާ ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިފައިންގެ ޚިދުމަތް އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވީހާވެސް ދެފުށް ފެންނަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ސިފައިން ޤައުމަށް ޚިދުމަތް ކުރުމުގައި އަމާނާތްތެރިކަމާއެެކު މަސްޢޫލިއްޔަތާ ވާޖިބުތައް އަދާކުރުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

ރޭ ބޭއްވި މިބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

މި ޖަލްސާ ނިންމާލާފައި ވަނީ ޚާއްޞަ ދުޢާއަކަށްފަހު ސިފައިންގެ ލަވައިންނެވެ. އަދި ޖަލްސާއަށް ޙާޟިރުވި ހުރިހާ ސިފައިންނާ ޑިފެންސް މިނިސްޓަރ ވަނީ ސަލާމްކުރައްވާފައެވެ.