English Edition
Dhivehi Edition

26 އަހަރުގެ މެދުކެނޑުމަކަށްފަހު އައްޑޫ ސިޓީ މީދޫގައި ފެށުމަށް ހަމަޖެހިފައިވާ ސިޔާކަޕް 2018 ކުޅުން މާދަމާ ހަވީރު ފަށާ ގޮތަށް ނިންމައިފި އެވެ.

ޖުމްލަ 05 ޓީމް ބައިވެރިވެފައިވާ މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 11 ނޮވެމްބަރު 2018 އިން 23 ނޮވެމްބަރު 2018އަށް މީދޫ ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ކްލަބް ރެޑް އެންޓްސް، ގައުމު އެފްސީ، ގައުމު ޖޭ.އާރް، ޓޫ ބްރަދާސް، އެފްސީ ސަބް އޯޝެނިކްއެވެ

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000ރ.ގެ ފައިސާގެ އިނާމް އަދި ރަނަރަޕް ޓީމަށް 1000ރ. ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގައުމު އެފްސީ އާއި އެފްސީ ސަބް އޯޝެނިކްއެވެ.މި މުބާރާތުގައި ބައިވެރިވެފައިވާ އެފްސީސަބް އޯޝެނިކް އަކީ ހެރެތެރައަށް ނިސްބަތްވާ ޓީމަކަށްވާއިރު ދެން ބައިވެރިވާ 04 ޓީމަކީވެސް މީދޫގެ ޓީމްތަކެވެ.

ސިޔާކަޕަކީ 1992 ވަނަ އަހަރު ފެށި މުބާރާތެއް ނަމަވެސް ދިމާވި އެކި ސަބަބުތަކާ ހެދި މުބާރާތް ނުބައްވާތާ މިހާރު ވަނީ 26 އަހަރުވެފައެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މިއަހަރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތާއި ބެހޭ ގޮތުން އިންތިޒާމް ކޮމެޓީގެ ފަރާތުން އިސްމާއިލް ދީދީ ބުނެފައިވަނީ މި މުބާރާތުގެ މަގްސަދަކީ ރަށުގެ އިޖްތިމާއި ގުޅުން ރަގަޅުކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ޒުވާނުންގެ ހުނަރު ދައްކާލުން ކަމަށެވެ.”މި މުބާރާތަކީ ސިޔާކަޕް އަލުން ފެށުމަށްޓަކައި ބާއްވާ މުބާރާތެއް. އިރާދަކުރެއްވިއްޔާ 2019 ވަނަ އަހަރު މުޅި އަތޮޅަށް ހުޅުވާލައިގެން މިއަށްވުރެ ބޮޑު މުބާރާތެއް ބާއްވާނީ”އިސްމާއިލް ދީދީ ބުންޏެވެ

މި މުބާރާތަކީ މީދޫ ސިޔާދު އަހްމަދު އިންތިޒާމްކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ