ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ވަޑައިގެންނެވުމުން އައްޑޫސިޓީގެ ރައްޔިތުން ނިކުމެ “ހިތާހިތުގެ ގުޅުމުން” ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ވިލާ އެއާ އިން އޮޕަރޭޓް ކުރަމުންދާ ފްލައިމީގެ ޗާޓަރު ފްލައިޓަކުން ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އައްޑޫގެ ރައްޔިތުން ނަޝީދަށް މަރުހަބާ ކިޔާފައިވަނީ ހިތްތަކުގެ ބައްޓަމަށް ހަދާފައިވާ ކަރުދާސްތަކުގައި “ހިތާ ހިތުގެ ގުޅުމެއް” ކަމަށް ލިޔެފައިވާ ލިޔުންތަކާ އެކުއެވެ. ކުދި ބޮޑު އެންމެން ނިކުމެ ކީ މަރުހަބާގައި އެމަނިކުފާނަށް މަރުހަބާ ކިޔަމުންދިޔަ އަޑު ހުރީ ގުގުމާލާފައެވެ. އަދި އެމަނިކުފާނަށް މަރުހަބާ ކިޔަން އައިސް ތިބި މީހުންނާ ސަލާމް ކުރެއްވުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރެއްވިއެވެ.
ރައީސް ނަޝީދާ އެކު އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ ވަޑައިގެންފައެވެ.
ރައީސް ނަޝީދު އައްޑޫ އަށް ކުރައްވާ މި ދަތުރުފުޅުގައި، އެމަނިކުފާނަށް ހާއްސަކޮށްގެން ހިތަދޫގައި ހަދާފައިވާ އޮފީހެއް ހުޅުއްވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ރައީސް ނަޝީދު އައްޑޫގައި މަސައްކަތް ކުރައްވާނެ އޮފީހެވެ.