ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުޑައިރުކޮޅެއްގެ ކުރިން އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި އެވެ.
ނަޝީދު އައްޑޫ ސިޓީއަށް ފުރާވަޑައިގަތީ ވިލާ އެއާގެ ޗާޓާ ފުލައިޓެއްގައެވެ. ނަޝީދާ އެކު މިދަތުރުގައި އެމަނިކުފާންގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
އެމްޑީޕީ އަށް ތާއީދު ބޮޑު އައްޑޫގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން، އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލު ކުރައްވާނީ ފޭދޫގައި ތިބި ސަޕޯޓަރުންނާ އެވެ.
ނަޝީދު އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި އެކިރަށްރަށުގައި ޖަގަހަތަކާއި އޮފީސްތައް ހުޅުއްވައި ދެއްވައި، އެމްޑީޕީގެ ހިންގާ ކޮމިޓީގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ނަޝީދުގެ ދަތުރުފުޅުގައި އައްޑޫގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ޕޮލިސް އެކަޑަމީއަށާއި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ހަދަމުން އަންނަ ޓާޝިއަރީ ހޮސްޕިޓަލް ބައްލަވާލައްވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީއިން ބުނީ، ރައީސް ނަޝީދު އައްޑޫއަށް ކުރައްވާ ދަތުރުފުޅަކީ އުފާފާޅު ކުރުމުގެ ދަތުރުފުޅެއް ކަމަށެވެ. އަދި ނަޝީދަށް ހޫނު މަރުހަބާއެއް ކިޔުމަށް މުޅި އައްޑޫ ސިޓީ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް އެމްޑީޕީއިން މައުލޫމާތު ދެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ނަޝީދު އަތޮޅު ތެރެއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ.ގައުމުން ބޭރުގައި ތިން އަހަރު ދުވަހަށްފަހު މިމަހުގެ އެއް ވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަަމވެސް އެދުވަހު އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިނުގަނެ ދަތުރުފުޅު ފަސްކުރައްވާފައި ވަނީ އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ނެވެ.