English Edition
Dhivehi Edition

ރާއްޖޭގެ މައްޝޫރު ނެށުންތެރިޔާ ސުނީތާ އަލީ(ސުނީ) އަކީ ވަރަށް ކުޅަދާނަ އަދި ފުންނާބުއުސް ނެށުންތެރިއެވެ. ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި އެކި ޝޯތަކުގައި ފެނިގެންގޮސް އެތަށް ބައެއްގެ ލޯބި ހޯދާފައިވާ ސުނީ މިވަނީ އާ ކަމެއް މިހާރު ފަށާފައެވެ. މަންމަ އަށް ކޮށްދޭ ކަމެއްގެ ގޮތުގައި ސުނީ މިވަނީ ވިޔަފާރިއެއް ފަށާފައެވެ.

ދިވެހި ފިލްމީ ދާއިރާގައި 23 އަހަރަށް ވުރެ ގިނަ އަހަރު ވާންދެން ފޫހި ކަމެއް ނެތި ބެލުންތެރީންގެ މުނިފޫހި ފިލުވައިދެމުން އަންނަ ނެށުންތެރިޔާ ސުނީ ބުނީ މިއީ ދިވެހިންނަށް ހާއްސަ ކޮށްގެން ދިވެހި ވަންތަ ޕްރޮޑަކްޓެއް ކަމަށެވެ. “ސުނީ ސްޕެޝަލް” ކާށިތެލެވެ. އުފަން ރަށް އއ.އުކުޅަހުގައި ތައްޔާރުކުރާ މި ތެލަށް މިހާރު އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ސުނީ ބުނީ، މި ތެލަކީ ރަށުގައި އޭނާގެ މަންމަ ހަދާފައި ފޮނުވާ ސަތޭކަ ޕަސެންޓް ސާފު ތެލެއް ކަމަށެވެ. އެއްވެސް ކެމިކަލް އެއް ބޭނުން ނުކޮށް ތައްޔާރުކޮށްފައިވާ “ސުނީ ސްޕެޝަލް” ކާށި ތެލަށް ޑިމާންޑް ބޮޑުވެ އެންމެ ފަހުން ރިސޯޓް ތަކުން ވެސް އޯޑަރު އަންނަން ފަށައިފިއެވެ.

ވަގުތީ ގޮތުން އެ ތެޔޮ ވިއްކަމުން އަންނަނީ ސުނީގެ އަލްބަމް ތަކުގައި ވެސް އިންނަ ލޯގޯ ބޭނުންކޮށްގެންނެވެ. މިހާރު ފުޅިއެއް 100 ރުފިޔާ އަށް ވިއްކަމުން އަންނަ އިރު ވަރަށް އަވަހަށް ލޭބަލް ތައްޔާރުވެ އެ ތެލަށް ހާއްސަ ފުޅި ތަކެއްގައި ވިއްކަން ފަށާނެ ކަމަށް ސުނީ ފާހަގަކުރިއެވެ.

މެޝިންތަކެއް ބޭނުން ނުކޮށް އެންމެ ކުރީގައި ދިވެހިން ކާށި ތެޔޮ ތައްޔާރު ކުރަމުން އަންނަ ގޮތަށް ހަދާފައިވާ މި ތެލަށް ބޮޑު ޑިމާންޑެއް ލިބިފައި ވާއިރު ސުނީގެ އަމާޒަކީ އޭނާގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމެވެ.ހެޔޮގޮތުގައި ކުރާ ކޮންމެ ކަމަކަށް ބަރަކާތް ލައްވާނެއެވެ.