English Edition
Dhivehi Edition

އަންނަ ސަރުކާރުގައި ސިޔާސީ ދާއިރާގައި އުޅުއްވުމުގެ ވިސްނުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ އާ ސަރުކާރުން ވަޒީފާއެއް ހުށަހެޅުއްވިޔަސް އެފަދަ ފުރުސަތެއް ގަބޫލުފުޅުކުރެއްވުމަކީ ވަރަށް ދުރު ކަމެއް ކަމަށެވެ. ޝަރީފު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ބޮޑަށް އުޅުއްވަން ބޭނުންފުޅު ވަނީ އަމިއްލަފުޅު މަސައްކަތުގައި ކަމަށެވެ.އަދި ޤައުމު ދޫކުރައްވައި ބޭރަށް ވަޑައިނުގަންނަވާނެ ކަމަށާއި އެފަދަ ސަބަބެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަންނަވަން ބޭނުންފުޅު ކަމަށް ޝަރީފު ވިދާޅުވި އިރު، އޭނާ އަކީ އިންތިހާބުގެ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޝަރީފު ހަމަޖެއްސެވީ އޭނާ ފެނަކައިގެ އެމްޑީ ކަމުގެ މަގާމުގައި ހުންނަވަނިކޮށެވެ.

ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވުމުން، ރައީސް ޔާމީން ޝަރީފުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ސުޕްރީމް ކޯޓަށް އިންތިޚާބުގެ ނަތީޖާ ބާތިލުކުރައްވައި އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ އިންތިޚާބުގެ ނަތީޖާ ބާތިލުކުރާން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.