English Edition
Dhivehi Edition

ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް، އާ ބޮޑުވަޒީރަކަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އައްޔަނުކުރުމާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރަން، މަޖިލީސް ބާއްވަން ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަންގަވައިފިއެވެ.

މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އޮތީ ސަސްޕެންޑު ކޮށްފައެވެ. ރަސްމީ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ނޮވެމްބަރު 14 ވަނަ ދުވަހުގެ ލަންކާ ގަޑިން ހެނދުނު 10.00 ގައި ކަމަށެވެ.

އިދިކޮޅު ފަރާއްތަކުން މިހާރުވެސް ދަނީ ރައީސްގެ ނިންމެވުމަށް ފާޑުކިޔަމުންނެވެ. ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންއެޕްޕީ) ގެ މެމްބަރެއްކަމުގައިވާ މަންގަލަ ސަމަރަވީރަ ވިދާޅުވީ، ސިރިސޭނާގެ އެ ނިންމެވުމަކީ މައްސަލަ ހައްލުކުރުމަށް އެތެރެއިންނާއި ބޭރުން އަންނަ ޕްރެޝަރުތަކާއި ގުޅިގެން “މީހުން ރުއްސުމުގެ” ގޮތުން ކުރައްވާ ކަމެއް ކަމަށެވެ.